Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

އުރްފީގެ މި ހެދުން ސައިފަތް ޕެކެޓުން

ފަހަރުގައި އުރްފީ ޖާވިދަކީ މާ ގިމަ ބަޔަކު ދަންނަ މީހަކަށް ނުވެދާނެ އެވެ. އެކަމަކު އިންޑިއާގެ މި ސެލެބްރިޓީ އަކީ ސޯޝަލް މިޑިއާގައި އުޅޭ މީހުންނަށް ބީރައްޓެހި ނަމަކަށް ނުވާނެ އެވެ. ހާއްސަކޮށް މި އުރްފީއެއް ހެދުން އަޅާ ގޮތުން ބަޔަކު ހަމަ އަޖައިބު އަންތަރީސްވެދާނެ އެވެ.

ގިނަ ފަހަރަށް އޭނަ ހުންނަނީ ނިވާ ނުވެ އެވެ. ހެދުމުގެ ނަމުގައި ލަނީ މީހާ ބަރަހަނާވެފައި ހުންނަ އެއްޗިއްސެވެ. އެހެންވެ ފަހަރުގައި ބައެއް މީހުން ބުނެފާނެ އެވެ؛ "މީނަ ހުންނަނީ ހެދުންލައިގެން އެކަމަކު އޮރިޔާމުން" ނެވެ. މި ވާހަކައިގެ ހަގީގަތް އުރްފީގެ އިންސްޓްރާމް ފޮލޯކުރާ މީހުންނަށް އެނގޭނެ އެވެ.

ފެޝަން ކަމަށް ބުނެ އަދި މާ ސްޓައިލިޝް މީހަކަށްވާން ޒާތްޒާތަށް ހެދުން މަގުތަކަށް ނުކުމެ އާންމުންނާއި މީޑިއާގެ ސަމާލުކަން ކިތަންމެ ބޮޑަކަށް ވެސް އުރްފީ ވަނީ ހޯދައިފަ އެވެ. އޭނަ ހެދުން އަޅާ ގޮތް ބަލަން ބޭނުންވާ މިހާރު ވަރަށް ގިނަ އެވެ. ބަޔަކު ހީވެސް ނުކުރާހާ ގޮތްގޮތަށް އޭނަ މިހާތަނަށް ފެޝަން ދައްކާލައިފި އެވެ.

މި ފަހަރު ވެސް މިފަދަ ކަމެއްގެ ވާހަކަ އެވެ. އުރްފީ އެންމެ ފަހުން ދައްކައިލި މި ހެދުމަކީ ސައިފަތް ޕެކެޓުން ތައްޔާރުކޮށްފައި އޮތް އެއްޗެކެވެ. މީގެ ވީޑިއޯ ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. ވަރަށް ގިނަ ބަޔަކު މި ހެދުމަށް ކޮމެންޓް ވެސް ކޮށްފައިވެ އެވެ. މި ފަހަރު ތަފާތަކީ ތަންކޮޅެއް ނިވާކަން ބޮޑުކޮށް ހެދުން އޮތްކަމެވެ.

މި ހެދުމަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވަނީ މިއީ ހަމަ ވަރަށް ރަނގަޅު ހިޔާލެއް ކަމަށެވެ. ސަބަބަކީ އުކައިލާ ސައިފަތް ޕެކެޓްގެ ބޭނުން ހިފުމެވެ. ތިމާވެއްޓާ ވެސް ރައްޓެހި ކަމަކަށް ވެދާނެ އެވެ.

ކޮންމެއަކަސް ބައެއް މީހުންނަށް ބަލަން ނުކެރޭހާ ނިވާކަން ކުޑަކޮށް ފާޑުފާޑުގެ އެއްޗެހިން ތަައްޔާރުކޮށްފައިވާ ހެދުން ލައިގެން އާންމުންގެ ސަމާލުކަން ހޯދި އުރްފީގެ ކްރިއޭޓިވިޓީ އަށް ތައުރީފުކުރާ މީހުން ވެސް މިހާރު މަދެއް ނޫނެވެ.

ޔަގީންވާ ކަމަކީ ޓީވީ ސިލްސިލާތަކާއި ބައެއް ރިއަލިޓީ ޝޯތަކުގައި ވާދަކޮށްގެން ލިބުނު ސަމާލުކަމަށް ވުރެ ބޮޑަށް، އާންމުންގެ ރާޑަރަށް އުރްފީ، 25، އެރީ ހެދުން އަޅާ ގޮތުންކަމެވެ. އެކަން އޭނަ ކާމިޔާބުކޮށްފި އެވެ.

"ބިގް ބޮސް" ގައި ވެސް ވާދަކޮށްފައިވާ އުރްފީ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ބޭޕަނާ"، "ކަސޯޓީ ޒިންދަގީ ކޭ 2" އަދި "އާއޭ މޭރޭ ހަމްސަފަރު" ހިމެނެ އެވެ.