Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ރިއްފަތު މަޖިލީހަށް

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު- ފޮޓޯ: ރައީސް އޮފީސް

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފިއެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފަހުން ތާވަލު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެހެންނަމަވެސް އެދުވަހު ރިއްފަތު ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރުވެފައެއް ނުވެއެވެ. އަދި މައްސަލައިގައި ޖަވާބުދާރީވެފައިވަނީ ލިޔުމުންނެވެ. އެހެންނަމަވެސް އިދިކޮޅު މެންބަރުންވަނީ ލިޔުމުން ޖަވާބު ނުދެވޭނެކަމަށާއި ޖަވާބު ދާރީވާންޖެހޭނީ ހާޒިރުވެގެންކަމަށް ބުނެފައެވެ. އެހެންކަމަށް ވުމުން މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި އެމައްސަލަ ކުރިއަށް ގެންގޮސްފައެއްނުވެއެވެ. ފަހުން ބަންޑާރަނައިބު ވަނީ މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފައެވެ.

މިއަދުގެ ޖަލްސާއަށް މައްސަލަ ތާވަލުކޮށް ޖަވާބުދާރީ ވުމަށް ރިއްފަތު މަޖިލީހަށް ހާޒިރުވެފައިވާއިރު މި މައްސަލައިގައި 2 ގަޑިއިރު ބަހުސް ކުރާނެއެވެ. އަދި ބަންޑާރަނައިބަށް ޖަވާބު ދިނުމަށް ބަހުސްގެ ތެރެއިން އަދި ނިމުމުން 10 މިނެޓްގެ ފުރުސަތު ދިނުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައިވާކަމަށެވެ.

ޖަވާބުދާރީވުމަށް މަޖިލިސް ޖަލްސާގައި ރިއްފަތު ބައިވެރިވެފައިވާއިރު އިދިކޮޅު މެންބަރުން ވަނީ މަޖިލިސް ތަޅުމުގައި ރިއްފަތާ ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގައި މިވަގުތު ތިބީ އެމްޑީޕީގެ 56 މެންބަރުން، ވަކި ޕާޓީއަކަށް ނިސްބަތްނުވާ 16 މެންބަރުން، ޕީޕީއެމްގެ 5 މެންބަރުން، ޕީއެންސީގެ 3 މެންބަރުން، އެމްއެންޕީގެ 3 މެންބަރުން، ޖޭޕީގެ 2 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުނެވެ.