Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރާތީ ޖަލްސާ މެދުކަނޑާލައިފި

މެންބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކުރަނީ-

ބަންޑާރަނައިބު އިބްރާހިމް ރިއްފަތާ ދެކޮޅަށް އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރާތީ އެކަމުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެފައިވާއިރު، ޖަލްސާ ފެށުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އަންނަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ.

އެގޮތުން ތަކުރާރުކޮށް އެދުމުންވެސް އެ މެންބަރުން ގޮނޑިކޮޅުތަކުގައި އިށިީންދެފައިނުވާތީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލާފައެވެ. މެންބަރުން އިހުތިޖާޖު ކުރަމުން ގެންދާތީ މިއަދުގެ ޖަލްސާ ފެށިނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ އަދި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ. ރިއްފަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.