Last Updated: April 28, 14:38
Sunday, April 28, 2024
ޚަބަރު

'ނިޒާމީ ނުކުތާ'ގައި ޖެހި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިފައި

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު-

މެންބަރުންގެ 'ނިޒާމީ ނުކުތާ'ގައި ޖެހި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅި މަޖިލިސް ހުސްވަގުތުކޮޅަށް ގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފައިވަނީ، އެމަނިކުފާނު މަޖިލީހަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް އެދުމުންނެވެ.

ޖަލްސާ ފެށުމަށްފަހު ޖަލްސާ ކުރިއަށްނުގެންދެވި ފުރަތަމަ މެދުކަނޑާލީ އިދިކޮޅު މެންބަރުން ތަޅުމުގައި އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ. އެކަމުގައި ސިޔާސީ ޕާޓީތައް މަޝްވަރާ ކުރުމަށްފަހު ޖަލްސާ ފެށުމުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެންބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ވަނީ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.

އެހެންނަމަވެސް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި މެންބަރު ޝަރީފް ވަނީ ކުރިން ދުވަހުގެ ޖަލްސާގައި މައްސަލަ ހުށަހަޅާފައި އޮތުމުން ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅަން ޖެހޭތީ އެކަން ފާހަގަކުރައްވާފައެވެ. ބަންޑާރަނައިބަށް އަދި ރިޔާސަތަށް އަމާޒުކުރައްވާ އެކި ސުވާލުތައް ކުރައްވާފައިވެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ލިބުނު ފުރުސަތުގައި މެންބަރު އާދަމް ޝަރީފް ވާހަކަ ދައްކަވަން ފެއްޓެވުމުން އިދިކޮޅު މެންބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންނަގާ ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުންވެސް ވަނީ އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވުމަށް އަދި އިތުބާރު ނެތްކަމުގެ މައްސަލައިގައި އޮތްއެއްޗެއް ވިދާޅުނުވެ އެެހެން ވާހަކަތައް ދައްކާތީ އެކަން ފާހަގަކޮށް ނިޒާމީ ނުކުތާނަގާފައެވެ.

"މެންބަރުންގެ ނިޒާމީ އޮއިވަރުގައިޖެހި" އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެނޭޅި ގަޑިއެއްހާއިރު ހޭދަކުރުމަށްފަހު 10:30 ވުމުން ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑާލާ ހުސްވަގުތުކޮޅަށް ފުރުސަތުއަރުވާފައެވެ. މިއީ މަޖިލީހުގެ ގަވައިދުގައި ކަނޑައަޅާފައިވާ ހުސްވަގުތުކޮޅެކެވެ. މަޖިލީހުގެ ގަވައިދުން 10:30 އިން 11:00 އަށް ކަނޑައަޅާފައިވަނީ ހުސްވަގުތުގެ ގޮތުގައެވެ.

ނިޒާމީ ނުކުތާގައި ޖެހި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވިފައިވާއިރު، މައްސަލައިގެ ބަހުސް ވަގުތަށް 2 ގަޑިއިރު ކަނޑައަޅާފައިވެއެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.