ކަނޑުގެ މައްސަލައިގައި އެއްވެސް ކަމެއް ސިއްރުކުރުމުގެ ނިޔަތެއް، މަސްލަހަތެއް ދިވެހި ސަރުކާރުގެ ނެތް ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވުމަށް ރިއްފަތު ވިދާޅުވީ މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި ފާއިތުވި 18 ވަރަކަށް އަހަރުގެ ތެރޭގައި ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅުންހުރި ގައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދީފައިވާނެކަމަށެވެ.
"މައްސަލަ ނިމުނުއިރު މޮރިޝަސް ސަރުކާރުން އަޅުގަނޑަށްދިން ރަން މެޑައްޔެއް ނެތް. އަޅުގަނޑަށްދިން ލަގަބެއް އިއްޒަތެއްވެސް ނެތް. ޑޮލަރުލާން އަޅުގަނޑު ހުޅުވި އެސްކްރޯ އެކައުންޓެއްވެސް ނޯންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް ފައިސާއެއްގައިޖެހި ރައްޔިތުންނަށް ހިޔާނާތްތެރި ނުވާކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދެން." ރިއްފަތު ވިދާޅުވިއެވެ.
ރިއްފަތު ވިދާޅުވީ ދެކުނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށާއި 1992 ވަނަ އަހަރުން ފެށިގެން މި ހައްސާސް މައްސަލައަށް ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްޤުގައި ގޮތެއްނިންމަން ނުކެރުނުކަމަށެވެ. އަދި މިކަމުގައި ނޭންގިނަމަވެސް ކުރީ ސަރުކާރުތަކުންނާއި ބަންޑާރަނައިބުން ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިމައްސަލައިގައި ނިންމާފައިވާ ކޮންމެ ނިންމުމެއް ނިންމާފައިވާނީވެސް ޤާނޫނުއަސާސިއާއި ޤާނޫނުގެ ތަރަހައިގެ ތެރެއިންކަމަށް ރިއްފަތު ވިދާޅުވިއެވެ. އެ މައްސަލަ މީގެކުރީގެ އެއްވެސް ސަރުކާރަކުން ހައްލުކޮށްފައި ނެތުމުގެ ނަތީޖާއަކަށްވީ މޮރިޝަސްއިން ރާއްޖޭގެ މައްޗަށް 2019 ވަނަ އަހަރު ދައުވާކުރުން ކަމަށް ވިދާޅުވިއެވެ. މައްސަލައިގެ ތަފްސީލު ބަޔާންކޮށްދޭ ކަރުދާހަކާ، ދައުވާއާ ޖަވާބާ ޗާޓުފަދަ ލިޔެކިޔުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ރިއްފަތު ވިދާޅުވިއެވެ. އަދި މިމައްސަލައިގެ އެއްވެސް ކަމެއް ސިއްރުކުރުމުގެ ނިޔަތެއް، މަސްލަހަތެއް ދިވެހި ސަރުކާރުގެ ނެތްކަމަށެވެ.
މީގެއިތުރުން ރިއްފަތު ވިދާޅުވީ އިޓްލޮސްއިން އެ ކަނޑުގެ މައްސަލަ ނިންމާފައިވަނީ ރާއްޖެއާ އެއްކޮޅަށް ކަމަށާއި އެ މައްސަލައިގައި ކާމިޔާބު ލިބުނީ ދިވެހިރާއްޖެއަށް ކަމަށެވެ. އަދި މިކަން މައްސަލައަކަށް ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގެ މައްސަލައިގައި ރިއްފަތު ވިދާޅުވީ އެސިޓީއާ ގުޅުވާ ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ދިވެހި ދައުލަތުން ކޮޅުބަދަލުކުރީކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާ އެއްވެސް ގުޅުމެއްނެތް މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
ރިއްފަތު ވިދާޅުވީ ޤާނޫނު ލިޔުމުން އޮތުމުގެ ބޭނުމަކީ ޤާނޫނުގެ ރައްކާތެރިކަން އެންމެހާ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން ކަމަށާއި ހިތުހުރިގޮތަކަށް ކޮންމެ މީހަކަށް ޤާނޫނު މާނަކުރުމެއްނޯންނަ ކަމަށެވެ. ޤާނޫނު މާނަކުރުމުގެ މައްސޫލިޔަތު ޤާނޫނުއަސާސީން މަތިކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކަށް ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ ސަބަބު ބަޔާންކުރުމަށްފަހު ކަމަށް ޤާނޫނުއަސާސީގައި ބުނާކަން ރިއްފަތު ފާހަގަކުރެއްވިއެވެ.
"ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ރާއްޖެއަށް ބޮޑުބައި ހޯދުމަށް އަޅުގަނޑު ވަކާލާތުކުރި ގޮތާމެދު މަޖިލީހުގެ ރައީސްއާ، މަޖިލީހުގެ 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ޤާނޫނުއަސާސީގައި ބުނާ ސަބަބެއް ނޫން." ރިއްފަތު ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިއްފަތު މަޖިލީހުގައި ޖަވާބު ދެއްވަމުންދިޔައިރު މެންބަރުންވަނީ ގިނަ ނިޒާމީ ނުކުތާތަކެއް ނަގާފައެވެ. ރިއްފަތު ޖަވާބު ދެއްވުމުން މަޖިލީހުގައި ވަނީ މި މައްސަލައިގެ ބަހުސް ފަށާފައެވެ. އިތުބާރު ނެތްކަމުގެ މައްސަލައަށް ޖުމުލަ ކަނޑައަޅާފައިވަނީ 2 ގަޑިއިރުގެ ބަހުސް ވަގުތެވެ.
ޖުމުލަ 13 މެންބަރުން ސޮއި ކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.