Last Updated: April 16, 20:04
Tuesday, April 16, 2024
ރިޕޯޓް

އައްޑޫން ދެއްކި ބޮޑު މަންޒަރު ހަޖަމެއް ނުވި!

ރައީސް ޒިޔާރަތަށް ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށް ގެއްލުން ދީފައި / ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޑޫއަށް މިފަހަރު ވަޑައިގެން ދަތުރަކީ އެމަނިކުފާނަށް ތަފާތު މަންޒަރެއް ދެއްކުވި ދަތުރެކެވެ. އެމަނިކުފާނު މިމަހުގެ 3 އިން 5 އަށް ކުރައްވާ މި ދަތުރުފުޅުގައި، އައްޑޫއިން އެމަނިކުފާނަށް ކިޔާފައިވަނީ މިހާތަނަށް އައްޑޫއިން ރައީސަކަށް ކިޔާފައިވާ އެންމެ ހޫނު މަރުހަބާއެއެވެ.

މީގެ އެތަކެއް ސަބަބުތަކެއްވެސް އެބަހުއްޓެވެ. މީގެ ކުރިން އައްޑޫއަށް އެމަނިކުފާނު އައި ދަތުރުތަކުގައި، އިދިކޮޅު ހިންގި ހަރަކާތްތަކާއި ގާތް ކުރާ ވަރަށްވެސް ހަރަކާތެއް މިފަހަރު ހިނގާފައި ނުވެއެވެ. މި ބޮޑު މަންޒަރުން ސިފަވެގެން ދިޔައީ، އެމަނިކުފާނަށް އައްޑޫގެ ރައްޔިތުންގެ ފަރާތުން އޮތް ލޯތްބާއި ތާޢީދެވެ. އައްޑޫގައި އެއްވެސް ވެރިކަމެއްގައި ނުކުރާހާ ގިނަ އަދި ބިޔަ ބޮޑު މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. އިޤްތިޞާދީ ބޮޑު ބަދަލެއް ދެކުނުގެ އަތޮޅުން ކުރިއަށް އޮތް މަދު އަހަރުތަކެއްގައި ފެންނާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.

ނަމަވެސް އައްޑޫއިން އެމަނިކުފާނަށް ދެއްކި މަންޒަރު ބަޔަކަށް ހަޖަމް ނުވިތަން ފެނިގެން ހިނގައްޖެއެވެ. ހިތަދޫއިން މަގު ހަދާފައިވާ ސަރަހައްދަކަށް އެމަނިކުުފާނަށް މަރުހަބާ ކިއުމަށް ޖަހާފައިވާ ޕޯސްޓަރުތަކަށް މިއަދު ހެނދުނު ތެދުވުނު އިރު ވަނީ ގެއްލުން ދީފައެވެ. އެ ޕޯސްޓަރުތަކުގައި ހަލާކުކޮށްލާފައިވާއިރު، އޭގައި ހުރި އަދަދުތަކާއި، ކަންކަމަކީ ހަމައެކަނި ޕޯސްޓަރުގައި ހުރި އެއްޗެއް ނޫނެނެވެ. އެއީ ބަލާލި ކޮންމެ ދިމާލަކުން ޢަމަލީ ގޮތުން ފެންނަން ހުރި މަންޒަރު ތަކެވެ. ޢަމަލީ ގޮތުން ފެންނަން ހުރި އަދަދުތަކެވެ.

މިއީ އިދިކޮޅު ފަރާތްތަކުން ދައުވާ ކުރާ ޑިމޮކްރެޓިކް އުސޫލުތަކާއި، ޙިލާފު ކަމަކެވެ. މުދަލަށް ގެއްލުންދީ މަދު ބަޔަކު ކުރާ މިފަދަ ނާތަހުޒީބު ޢަމަލުން ފެނިގެން ދަނީ ހަޤީގަތުގައިވެސް ހަޖަމް ނުވާ ކަމެވެ.

ރައީސްގެ ދަތުރު ނިންމާލި އިރު އެމަނިކުފާނު އައްޑޫ ރައްޔިތުންނަށް ދައްކައިދިނީ ހަމައެކަނި މިފަދަ ކުރެހެން ތަކެއް ނޫނެނެވެ. އެމަނިކުފާނު ދައްކުވައިދިނީ، ތަރައްޤީގެ ރައްޔިތުންގެ ލޮލު ކުރިމަތިންނެވެ. ރައްޔިތުންނަށް އޮޅުވާލަން ދެއްކި މަންޒަރެއް ނޫނެނެވެ. ރައްޔިތުން ލޮލުން ފެނި އަތުން ހިފޭ ތަރައްޤީގެ ސާފު ނަމޫނާއެވެ.