މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލިފައިވާކަމަށްބުނެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނާހާ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ ހުސްވަގުތަށްފަހު ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ހުސްވަގުތަށްފަހު ޖަލްސާ ފެށުނުއިރުވެސް ކުރިއަށް ގެންދިޔައީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސެވެ.
އެހެންނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެންބަރުން ވަނީ އޭޖީ ރިއްފަތު އެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާކަމަށް ބުނެ އޭޖީއާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހްތިޖާޖު ކޮށްފައެވެ. އެހެންކަމުން ރިޔާސަތުން ވަނީ އެ މެންބަރުންނަށް ގޮނޑިކޮޅުތަކުގައި ތިއްބެވުމަށް ތަކުރާރުކޮށް އެދިފައެވެ.
އެހެންނަމަވެސް މެންބަރުން ނީށީންދެ މަޖިލީހުގައި އަޑުގަދަކުރާތީ ރިޔާސަތުން ވަނީ "މަޖިލީހުގެ ނިޒާމު ގެއްލިފައި" ވާކަމަށް ބުނެ މަޖިލީހުގެ ޖަލްސާ ނިންމާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޭޖީ ރިއްފަތު މަޖިލީހަށް ހާޒިރުވިއިރު، މުޅި ޖަލްސާ ކުރިއަށްދިޔައީ 'ނިޒާމީ އޮއިވަރެއް'ގެ ތެރޭގައެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅި ގަޑިއިރެއްހާއިރަށްވުރެއް ގިނަ ވަގުތު ހޭދަވީ މެންބަރުންގެ ނިޒާމީ ނުކުތާގައެވެ. އަދި މައްސަލައަށް އޭޖީ ރިއްފަތު ޖަވާބު ދެއްވުމަށް ލިބުނު ފުރުސަތުގައިވެސް މެންބަރުން ވަނީ ފުލުފުލުގައި ނިޒާމީ ނުކުތާ ނަގާފައެވެ.