Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މީދޫގެ ޕީޕީއެމް އިސް ފަރާތެއް އެމްޑީޕީ އަށް

އައްޑޫސިޓީއަށް ރައީސުލްޖުމުހޫއްރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އަދި ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫސިޓީ މީދޫއަށް ވަޑައިގެންފައެެވެ.

އެމްޑީޕީގެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ސާލިޙް ވަނީ މިދަތުރުގައި، އެމްޑީޕީގެ މީދޫގައި ހަރަކާތްތެރިވާ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި މީދޫއިން އެމްޑީޕީއާއި އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުން ވަނީ ރައީސް އަދި އެމްޑީޕީގެ އިސްލީޑަރާއި ފޯމުތައް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި މީދޫގައި އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތަކުން އިސްކޮށް ފެންނަ މެންބަރުންވެސް ވެސް ހިމެނެއެވެ.


ރައީސް އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، ފުރާވަޑައިގެންނެވި އިރު، އެމަނިކުފާނަށް އައްޑޫއިން ވަނީ މިހާތަނަށް ރައީސަކަށް ކީ އެންމެ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އައްޑޫގެ އެކި އަވަށްތަކުން އެމްޑީޕީއާއި އަލަށް ގުޅުނު ގިނަ މެންބަރުގެ ފޯމުތައް ވަނީ ޕާޓީއާއި ހަވާލުކޮށްފައެވެ.


މި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ބައިވެރިވެވަޑައިގެންނެވިއިރު، އައްޑޫލައިވްއަށް ދެއްވި ބަސްތީގަތުމެއްގައި ފައްޔާޒު ވިދާޅުވީ، މަދު ބަޔަކު އެމްޑީޕީން ވަކިވެ ދިޔަ ނަމަވެސް، އައްޑޫގައި އެމްޑީޕީ އަދި ރައީސް ސާލިހަށް އޮތް ތާޢީދު އިތުރުވަމުންދާތަން ފެންނަ ކަމަށެވެ.


އަދި އެމަނިކުފާނަށް އިތުރު ދައުރެއް ދިނުމަށް އައްޑޫ ރައްޔިތުން ތައްޔާރަށް ތިބިކަން މިދަތުރުން ފެނިގެން ގޮސްފައިވާ ކަމަށް ފަައްޔާޒް ވަނީ ވިދާޅުވެފައެވެ.