ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އަމަލުކުރެއްވީ ބޭއިންސާފުންކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން މިއަދު މަޖިލިސް އިދާރާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން ވާހަަކަ ދައްކަވަމުން ވެލިދޫ ދާއިރާ މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތުން އަދި އިދިކޮޅުން ފަރާތްތަކުން ކަންކުރިގޮތުން ކަންބޮޑުވުން އެބައޮތްކަމަށެވެ. އެގޮތުން މިއަދުގެ ޖަލްސާގައި އިދކޮޅު މެންބަރުން އިހުތިޖާޖު ކުރުމުންވެސް އެ މެންބަރުންނަށް ރިޔާސަތުން ނަސޭހަތްތެރިވެފައި ނުވާކަމަށާއި، އެހެންނަމަވެސް އެމްޑީޕީގެ މެންބަރުން މަޖިލިސް ކުރިއަށްދާގޮތާމެދު ކަންބޮޑުވުން ފާޅުކުރުމުން އެމްޑީޕީގެ މެންބަރުނަށް ނަން އިއްވާނެކަމަށްބުނެ ރިޔާސަތުން ނަސޭހަތްތެރިވިކަން ފާހަގަކުރެއްވިއެވެ.
މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ގަބޫލުކުރާގޮތުގައި ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު މިއަދު ކަންކުރެއްވީ ވަރަށް ބޭއިންސާފުން ކަމަށެވެ. އިދިކޮޅު މެންބަރުން ގޮނޑިކޮޅުގައި ނީށިންގެ ރިޔާސަތު މޭޒާއި ބަންޑާރަނައިބު އިންނެވި މޭޒުކޮޅު ކައިރިއަށް ދިއުމުންވެސް އެކަން ބޮޑުކަމަކަށް ނެހެއްދެއްވިކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ މީގެކުރިން އަމަލުކުރާ އުސޫލާ ހިލާފަށް ސުވާލާއި ޖަވާބު ދިނުމުގެ ސެޝަނެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ނިޒާމީ ނުކުތާނެގުމުގައިވެސް އިދިކޮޅު މެންބަރުންނަށް ފުޅާ ފުރުސަތެއް ދެއްވިއިރު އެމްޑީޕީ މެންބަރުންނަށް އެވަރަށް އެފުރުސަތު ނުލިބުނުކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ އިދިކޮޅު ފަރާތްތަކާ ރިޔާސަތާ ގުޅިގެން މިކަން ކުރިއަށް ގެންދެވިގޮތަށް." ޝަފީގް ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާ ނިޒާމު ނެތްކަމަށްބުނެ ނިންމާލާފައިވަނީ ރައީސް ނަޝީދުގެ ލަފާގެ މަތިން ކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އިތުބާރު ނެތްކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް ޝަފީގް ވިދާޅުވީ މިމައްސަލަ ނުނިމި އިތުރު ދުވަހަކަށް ދިގު ދެމިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މީގެއިތުރުން މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ އޭޖީ ރިއްފަތާއި އެކު މަޖިލީހަށް ހާޒިރުވި ސީނިއާ ދެ އަންހެން ވަކީލުންނަށް މައިނޯރިޓީ ލީޑަރު ފުރައްސާރަކުރުމުގެ ގޮތުން ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. އަދި ބަންޑާރަނައިބުގެ އެދިވަޑައިގަތުމުންވެސް އެމަނިކުފާނުގެ ޓީމުގައި ވަކީލުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވީ 2 ފަރާތަށްކަން ފާހަގަކުރެއްވިއެވެ.