Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރައީސްކަމުން ނަޝީދު ވަކިނުކުރަނީ އެމްޑީޕީގެ ރައީސަށްވީމަ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުނުކޮށް އަދި ހުރި ސަބަބަކީ އެ މަނިކުފާނަކީ އެމްޑީޕީގެ ރައީސް ކަމަށް ވާތީ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ މީޑިއާ ކޯޑިނޭޓާ މެންބަރު މުހައްމަދު އަބްދުالله ޝަފީގް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން މިއަދު މަޖިލިސް އިދާރާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުންވަނީ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު އަމަލުކުރެއްވި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންވުން ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންވަނީ ރައީސް ނަޝީދު މަގާމުން ދުރުނުކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މެންބަރު މުހައްމަދު އަބްދުالله ޝަފީގް ވިދާޅުވީ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދަކީ އެމްޑީޕީގެ ވެސް ރައީސް ކަމަށެވެ. އެހެންކަމުން ކުއްލިއަކަށް އެމަނިކުފާނު މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސްފާނެ ކަމަށާއި އެހެންނަމަވެސް މިފަދަ ކަންކަން ތަކުރާރުވަމުންދާތީ މިކަމާމެދު ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަރަށް ފުންކޮށް ވިސްނަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

"ޕާޓީގެ ރައީސް ވީމަ އަޅުގަނޑުމެން ކުރާ އިހުތިރާމެއްވެސް އެބައޮވޭ. ޓަސްލާފަ އެކަންކުރަން، އެއަށްވުރެއް ވާހަކަ ދައްކައިގެން ހައްލު ހޯދޭނެތޯ އަޅުގަނޑުމެން މިބަލަމުން ދަނީ. އެއީ އޭގެ ހަމައެކަނި ސަބަބަކީ." ޝަފީގް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އަމަލުކުރައްވާ ގޮތާމެދު ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ކަންބޮޑުވުން އެ މެންބަރުން ފާޅުކުރެއެވެ.

މިފަހުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެ ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ. މަޖިލިސްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މެންބަރު އީވާ އަބްދުﷲ އެމްޑީޕީން ވަކިވުމުން މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީ ޕީޖީން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.