Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ވަރޫން އާއި އަނުޝްކާ ދެވަނަ ފިލްމަކަށް

ވަރޫން ދަވަނާއި އަނުޝްކާ ޝަރުމާ އަނެއްކާ ވެސް އެކީގައި ފިލްމަކަށް ގެންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ މިއީ 2016 ގެ ތަމަޅަ އެކްޝަން ތުރިލާ "ތެރީ" ގެ ހިންދީ ރިމޭކް ކަމަށެވެ. މި ފިލްމަކީ މި އަހަރުގެ އޮކްޓޯބަރުގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ ހެދި ވަރަށް ކާމިޔާބު ފިލްމެކެވެ.

"ތެރީ" ގެ ތަރިންނަކީ ވިޖޭ އާއި ސަމަންތާ ރޫތު ޕްރަބޫގެ އިތުރުން އެމީ ޖެކްސަނެވެ.

މީޑިއާތަކުން ބުނީ މީގެ ހިންދީ ރިމޭކްގެ އެއް ބަތަލާގެ ރޯލު ޖާންވީ ކަޕޫރަށް ހުށަހެޅުމުން، ތާރީހުގެ ފުށުންއެރުންތަކާ ހެދި ފުރުސަތު އޭނަ ދޫކޮށްލާފައިވާ ކަމަށެވެ. ވަރޫން އާއި ޖާންވީ އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަވާލް" މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރާނެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން "ތެރީ" ގެ ބަތަލާގެ ރޯލު މިހާރު އަނުޝްކާ އަށް ހުށަހަޅައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ އާއި ވަރޫން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2018 ގެ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ. އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ 2018 ގެ "ޒީރޯ" ގެ ފަހުން އޭނަ ކުޅުނު ކްރިކެޓް ފިލްމު "ޗަކްދާ އެކްސްޕްރެސް" އެވެ. މިދިޔަ އަހަރު ޝޫޓިން ނިންމާލި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މީޑިއާތަކުން ބުނީ އެޓްލީ އާއި މުދާރު ކެތާނީ ޕްރޮޑިއުސްކުރާ "ތެރީ" ގެ ހިންދީ ރިމޭކް ޑައިރެކްޓްކުރާނީ ކަލީސް ކަމަށެވެ. އަދި މީގެ މަސައްކަތް ފަށާނީ "ޖަވާން" ރިލީޒްކުރުމަށް ފަހު ކަމަށާއި ފިލްމަށް ދެވަނަ ބަތަލާއަކު ވެސް މިހާރު ހޯދަމުން އަންނަ ކަމަށް ބުންޏެވެ.

ކަލީސް އަކީ 2019 ގެ ތަމަޅަ ޓެކްނޯ ތުރިލާ "ކީ" ގެ ޑައިރެކްޓަރެވެ.