Last Updated: April 26, 06:25
Friday, April 26, 2024
ކުޅިވަރު

ރެއާލް ދޫކޮށް ބެންޒެމާ ސައުދީ ލީގަށް

ރެއާލް މެޑްރިޑަށް ކުޅެމުން އައި ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ އެ ކްލަބް ދޫކޮށްލުމަށްފަހު ސައުދީ އަރަބިއްޔާގެ ލީގުގެ ޗެމްޕިއަނުން ކަމަށްވާ އަލް އިއްތިހާދަށް ސޮއިކޮށްފި އެވެ.

ބެންޒެމާ އަލް އިއްތިހާދަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ އަގު 400 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރެއާލަށް ކުރިން ކުޅުނު ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިހާރު ކުޅެމުން އަންނަނީ ސައުދީ ލީގުގެ ކްލަބަކަށެވެ. ރޮނާލްޑޯ ކުޅެމުން އަންނަނީ އަލް ނަސްރަށެވެ.

ސައުދީ ލީގަށް ދުނިޔޭގެ ނަން މަޝްހޫރު ތަރިންތަކެއް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ދާދިފަހުން ޕީއެސްޖީ ދޫކޮށްލާނެކަން އިއުލާންކުރި ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޯސް އާއި ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ހިމެނެ އެވެ.

2009 ވަނަ އަހަރުން ފެށިގެން ރެއާލަށް ކުޅެމުން އައިބެންޒެމާ އަކީ އެ ކްލަބަށް ދެވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއާ އެވެ. ބެންޒެމާ ވަނީ ރެއާލަށް 355 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

2022 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑު ކާމިޔާބު ކުރި ބެންޒެމާ ވަނީ ރެއާލަށް 648 މެޗު ކުޅެދީފަ އެވެ. އެ ކްލަބާއެކު ބެންޒެމާ ވަނީ ސްޕެނިޝް ލީގު ހަތަރު ފަހަރު، ސްޕެނިޝް ކަޕް ތިން ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔޫއެފާ ސުޕަ ކަޕް ހަތަރު ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު ހޯދައިފަ އެވެ.