Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

އެމެރިކާއިން އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ

އެމެރިކާއާއި ރާއްޖެއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއާއި ދިވެހިސަރުކާރާއެކުވެފައިވާ އެއްބަސްވުމަށް 10 ވަނަ އިސްލާހު ގެނެސް، ކުރިއަށް އޮތް އަހަރަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާހުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއިކޮށްފައިވަނީ އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑް މިޝަން ޑައިރެކްޓަރ ގެބްރިއަލް ގްރައު އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާރޒް އަލްފާޞިލް އަހުމަދު ހަލީލެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އިސްލާހު ކުރެވި ސޮއިކުރެވުނު މި އެއްބަސްވުމަކީ 2019 ވަނަ އަހަރު މާރިޗު މަހު ސޮއިކޮށްފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް އެކެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 7.2 މިލިއަން ޑޮލަރު (110.8 މިލިއަން ރުފިޔާ) ގެ އެހީ ޔުނައިޓެޑް ސްޓޭޓްސްގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދޭނެއެވެ.


"މި އެއްބަސްވުމުގެ ދަށުން އެމެރިކާއާއި ދިވެހި ރައްޔިތުންނާ ދިވެހި ސަރުކާރާއެކުވާ ގުޅުން އިތުރަށް ފުޅާވެ، އެމެރިކާއާއި ރާއްޖޭން އިސްކަންދޭ ކަންކަންކުރިއެރުވުމަށް އޭހިވެދޭނެއެވެ. އަދި މިއީ ހަމަޖެހޭ ފާގަތި މުސްތަގުބަލަކަށް ދިވެހީންކުރާ މަސައްކަތަށް އަޅުގަނޑުމެން ދޭ އެއްބާރުލުމަށް ބާރުއަޅާ ކަމެއް" މި އާ އެއްބަސްވުމާއި މެދު ޑިރެކްޓަރ ގްރައު ވިދާޅުވިއެވެ.

މިއާއިއެކު 2019 ގައި ފުރަތަމަ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީގެ އަދަދު 36 މިލިއަން ޑޮލަރަށް (554.4 މިލިއަން ރުފިޔާ) އަރާނެއެވެ. މި އެހީގެ ދަށުން އެހީތެރިކަންފޯރުކޮށްދޭނެ ދާއިރާތަކުގެ ތެރޭގައި ޑިމޮކްރެޓިކް ހިންގުންތެރިކަން، އަމިއްލަ ފަރުދުންނާ މުޖުތަމައުގެ ވިލުންވެރިކަން، އަދި ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށްއަންނަ ބަދަލުތަކަށް ހޭނުން ހިމެނެއެވެ.

ޔޫއެސް އެއިޑަކީ އެމެރިކާއިން ޤައުމުތަކަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ މިނިވަން މުޢައްސަސާއެކެވެ.