Last Updated: April 20, 17:50
Saturday, April 20, 2024
ޚަބަރު

އާބަންކޯ އިން އަންހެނުންނަށް އިލެކްޓްރިކް ކޯހެއް

އަރބަންކޯ އޮފީސް ބޭރުން / ފޮޓޯ: އަރބަންކޯ

ގޭތެރޭ ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތު ކުރަން އަންހެން ކަނބަލުންނަށް ދަސްކޮށްދޭ ކޯހެއް ހިންގަން ނިންމައި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އަރބަންކޯއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ މި ކޯހުގައި ބައިވެރިވާން ބޭނުންވާ އަންހެން ކަނބަލުންނަށް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

އަރބަންކޯގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ހިންގާ ވިލުންވެރިން ކަނބަލުން ކެމްޕޭންގެ ތެރެއިން ތައާރަފްކުރެވުނު މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ 4 ސެޝަނަކަށް ބަހާލައިގެންނެވެ. ޖުމްލަ 8 ގަޑި އިރުގެ މި ކޯހުގެ ކޮންމެ ސެޝަންއަކީ ވެސް 2 ގަޑި އިރެވެ. އަދި މި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުއެވެ. ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށް އެކުންފުނިން ބުނެއެވެ.


އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރިކުރުމަށް ހިންގާ މި ކޯހުގެ ތެރޭގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ. އަދި އެތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައިދެވޭނެއެވެ.

އަރބަންކޯއާއި އެމްއައިޓީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އަންހެނުންނަށް ޚާއްސަ ކޯހެއް ތައާރަފްކޮށް ފުރުސަތު ހުޅުވާލާފައިވާއިރު، މި އެމްއޯޔޫގެ ދަށުން ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ވޮކޭޝަނަލް ޓްރެއިނިންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގައި ބައިވެރިވުމަށް ހުށަހަޅާނީ : https://forms.gle/4inMaeHFwBAt6SMK8