Last Updated: May 1, 00:00
Tuesday, April 30, 2024
ޚަބަރު

ރިލްވާން "ހޯދަން" ހިތަދޫގައި ހިނގާލައިފި

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވީ ނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ޖާނަލިސްޓް އަހްމަދު ރިލްވާން ހޯދަން އަޑު އުފުލައި ހިތަދޫގައި މިއަދު ހަވީރު ސުލްހަވެރި ހިނގާލުމެއް ބާއްވައިފިއެވެ.

ހިތަދޫގެ ޒުވާނުން ތަކެއް އުފައްދާފައިވާ އައްޑޫ ފްރެންޑްސް އިން އިންތިޒާމް ކުރި ހިނގާލުން ފެށިފައިވަނީ ހިތަދޫ ސްކޫލް ކުރިމަތިންނެވެ.

ދިވެހި ފުލުހުންގެ އެހީ ތެރިކަމާއި އެކު ކުރިއަށްގެންދިޔަ ހިނގާލުމުގައި ޒުވާނުން ވަނީ ރިލްވާނު ކޮބާތޯ ސުވާލުކޮށް، އޭނާ ހޯދުމުގައި ސަރުކާރުގެ މުވައްސަސާތައް އިހްމާލްވެެފައިވާކަމަށް ބުނެ އަޑު އުފުލާފައެވެ. އެގޮތުން ގެއްލުނު މެލޭޝިއާ އެއާލައިންސް އެމްއެވް 370 އަށް ވީ ގޮތަށް، ރިލްވާނަށް ވީތޯވެސް ޒުވާނުން ވަނީ ސުވާލުކޮށްފައެވެ.

މި ހިނގާލުމުގައި ބައިވެރިވި ޒުވާނުންވަނީ މިނިވަން މުވައްސަސާތައް ކަމަށްވާ ހިއުމަން ރައިޓްސް އިން މިކަމާއި ބަހެއް ނުބުނެ ހިމޭނުން ތިބޭތީ އަޑު އުފުލާފައެވެ. އަދި ނޫސްވެރިންނަށް ބިރު ދައްކައި، އެކި ގޮތްގޮތުން ނޫސްވެރިންނަށް ހަމަލާ ދޭ މައްސަލަ ކުށްވެރިކޮށްފައެވެ.

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާން: އޭނާ ގެއްލުނު ފަހުން މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ.
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާން: އޭނާ ގެއްލުނު ފަހުން މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ.

ރިލްވާން ގެއްލިފައިވާ އިރު އޭނާ ހޯދުުގައި ދިވެހި މީޑިއާއިން ހާއްސަ ގޮތަކަށް ބައިވެރިވާން ނިންމާފައިވާ އިރު ނޫސްވެރިންގެ ހައްގުގައި މަގުމައްޗަށް ނިކުތުމަށްވެސް ނޫސްވެރިން ވަނީ ތައްޔާރުވެފައެވެ.

ރިލްވާން ގެއްލުމާއި ގުޅިގެން ރާއްޖޭގައި އަދި މިހާތަނަށް މިގޮތަށް ހިނގާލުމެއް ބާއްވާފައި ނުވެއެވެ.