Last Updated: April 24, 21:50
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ސްޓާޑަމް" އިން ރަންބީރް ވެސް ފެންނާނެ

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރާ ވެބް ވެބް ސީރީޒް "ސްޓާޑަމް" ގެ ވަރަށް ހާއްސަ ފެނިލުމަކުން ރަންބީރް ކަޕޫޜް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މީގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އޭގެ ހާއްސަ ފެނިލުމެއްގައި ހިއްސާވެދޭން ރަންބީރްގެ ކިބައިން އެދުމާ އެކީ ވަގުތުން އެއްބަސްވެފައިވާ ކަމަށެވެ. ފާހަގަކޮށްކެވޭ ކަމަކީ ރަންބިރަކީ އަރިއަންގެ ބައްޕަ ޝާހްރުކާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އެކްޓަރެއްކަމެވެ. އަދި ރަންބީރްގެ 2016 ގެ ފިލްމު "އޭ ދިލް ގެ މުޝްކިލް" ގެ ހާއްސަ ފެނިލުމެއްގައި ވެސް ޝާހްރުކް ހިއްސާވެފައިވެ އެވެ.

މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި "ސްޓާޑަމް" ގެ ހާއްސަ ފެނިލުންތަކުގައި ޝާހްރުކާއު ރަންވީރު ސިންގް ވެސް ހިމެނެ އެވެ. އަދި މި ހަފުތާގައި ސީރީޒްގެ ސެޓަށް ޝާހްރުކް ޒިޔާރަތްކޮށް އަރިއަން އާއި އޭނަގެ ޓީމަށް ހިތްވަރު ދީފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސްޓާޑަމް" އަކީ ބޮލީވުޑްގެ ވާހަކައެއް ކިޔައިދޭނެ ހަ އެޕިސޯޑްގެ ސީރީޒެކެވެ. މިއަށް ތައްޔާރުވިކަން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިއުލާންކުރުން ފިޔަވައި ސީރީޒްއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ރަސްމީކޮށް ހާމައެއްނުކުރެ އެވެ. އެކަމަކު އަރިއަންގެ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ސީރީޒްގެ ލީޑް އެކްޓަރަކީ ލަކްޝަޔާ ލަލްވާނީ ކަމަށް އަޑު އަރާފައިވެ އެވެ.

އޭނަ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ދެ ފިލްމަކަށް ސޮއިކޮށްފައިވާ އެކްޓަރެކެވެ. އެއީ "ދޯސްތާނާ 2" އާއި "ބޭދަޅަކު" އެވެ. އެކަމަކު މި ދެ ފިލްމަކީ އޭގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ދެ ފިލްމެވެ. ދެހާސް ނަވާރައިގައި އިއުލާންކުރި "ދޯސްތާނާ 2" ހުއްޓުނީ އޭގެ ކާސްޓްގައި ހިމެނޭ ކާތިކް އާރިއަން އެއިން ވަކިކުރުމުމާ ގުޅިގެންނެވެ.

"ބޭދަޅަކު" އަކީ އެކްޓަރު އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނެރެން 2021 ގައި އިއުލާންކުރި ފިލްމެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އަރިއަންގެ "ސްޓާޑަމް" ގެ މުހިއްމު ރޯލަކުން މަޝްހޫރު ޓީވީ އެކްޓަރު ރާމް ކަޕޫރްގެ އަންހެނުން، ގޯތަމީ ކަޕޫރް ވެސް ފެންނާނެ އެވެ.