Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

އެޕަލްގެ ރިއަލިޓީ ހެޑްސެޓް ދައްކާލައިފި

ގިނަ ބަޔަކު އިންތިޒާކުރަމުން އައި އެޕަލް ކުންފުނީގެ ފުރަތަމަ މިކްސްޑް ރިއަލިޓީ ހެޑްސެޓް ދައްކާލައިފި އެވެ.

އެ ކުންފުނިން ފެށި ވޯލްޑް ވައިލްޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގައި ލޯންޗްކުރި މި އުފެއްދުމަށް ދީފައިވާ ނަމަކީ "ވިޝަން ޕްރޯ" އެވެ. މީގެ އަގަކީ 3،499 ޑޮލަރު (53,954ރ.) އެވެ. އެޕަލް ބުނި ގޮތުގައި ދެ ގަޑިއިރު ބެޓަރީގައި ބޭނުންކޮށްލެވޭނެ މި ޑިވައިސް އާންމުކޮށް އެމެރިކާގެ މާކެޓަށް ނެރޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

އެކަމަކު އާންމުކޮށް ބާޒާރަށަ ނެރޭނެ އިރެއް އެޕަލް އިން ހާމައެއްނުކުރެ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ސިފަކުރެއްވި ގޮތުގައި އެ ކުންފުނީގެ ވީއާރް/އޭއާރް "ވިޝަން ޕްރޯ" އަކީ ހަގީގީ ދުނިޔެ އާއި ވާޗްއަލް ދުނިޔެ ވަރަށް ހިތްގައިމުކޮށް ތަޖުރިބާކޮށްލެވޭނެ ވަރަށް ވެސް ފުރިހަމަ އުފެއްދުމެކެވެ. އަދި މިއީ ޓެކްނޮލޮޖީގެ މި ޒަމާނާ ވަރަށް ގުޅޭ، ތަފާތުތަކެއް ގެނުވައިދޭނެ އެއްޗަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާކެޓްގައި މިހާރު ހުރި މިފަދަ ޑިވައިސްތަކާ އަޅާބަލާ އިރު، "ވިޝަން ޕްރޯ" ގެ ޑިޒައިންގައި ވެސް ތަފާތުކަމެއް ހިމެނެ އެވެ. އަދި މި ބޮޑަށް ވައްތަރީ "ސްކީ ގޮގްލް" އަކާ އެވެ. މީގައި ގިނަ ފީޗާތަކެއް ވެސް އެކުލެވެ އެވެ. އޭގެ ތެރޭގައި އެޕްތަކަށް އެކްސެސްވުމާއި ފިލްމު ބަލާލުމުގެ ފުރުސަތާއި ލިޔެކިޔުންޔައް ތައްޔާރުކޮށްލެވުން ފަދަ ފީޗާތައް ހިމެނެ އެވެ.

"ވިޝަން ޕްރޯ" އަކީ އަތާއި ލޮލާއި އަޑުން ވެސް ކޮންޓްރޯލްކުރެވޭނެ އެއްޗެކެވެ.