ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތްކަމަށް ބުނެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. ހުސައިން މުހައްމަދު ލަތީގެ މިމައްސަލަ ސީދާ ކޮމިޓީއަށް ހުށަހެޅައިގެން ބައްލަވައިދިނުމަށް ވަނީ އެދިފައެވެ. އަދި މިމައްސަލަ މަޖިލީހުގެ ތަޅުމުން ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި 48 މެންބަރުން ވޯޓު ދެއްވާފައިވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ނުފެންނަ ކަމަށެވެ. އަދި 20 މެންބަރުން ވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދީފައެވެ.
މައްސަލަ ބަހުސް ކުރަން ފާސްނުވިނަމަވެސް، އެ މައްސަލަ ސީދާ ކޮމިޓީއަށް ހުށަހަޅައިގެން ބަލައިދިނުމަށް އެދިފައިވާތީ ރިޔާސަތުންވަނީ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވާފައެވެ.
އިމްތިޔާޒްގެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، މަޖިލީހަށް ހުށަހެޅި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ލިޔުމުން މަޖިލީހަށް ފޮނުވި ޖަވާބުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި މަޖިލީހަށް ލިބިގެންވާ ބާރުތަކަށް ގޮންޖަހާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
މައްސަލައިގައި ބުނެފައިވަނީ ވަޒީރުންނާއި ބަންޑާރަނައިބުގެ އިހުތިސާސްގެ ތެރެއިން ކުރެވިގެންދާ ކަންކަމާމެދު އެފަރާތްތަކާ ސުވާލުކޮށް ޖަވާބު ހޯދުމަކީ މަޖިލީހަށް ޤާނޫނުން ލާޒިމުކޮށް އަދި އެބާރު ކަށަވަރު ކޮށްދިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ޖަވާބު ބޭނުންވެއްޖެ ކޮންމެ ކަމެއްގައި ތެދުބަހުން ޖަވާބު ނުދެއްވާ އެކަމަށް ޖަދަލު ކުރުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
މެންބަރު ހުސައިން މުހައްމަދު ލަތީފްގެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ ދެކުނުގެ ކަނޑުގެ މައްސަލައިގައި މަޖިލީހުން ފާސްކުރަންޖެހޭ ކަމެއް ނެތްކަމަށް ބަންޑާރަނައިބު ދެކެވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތު ކަމަށެވެ.
"އަދި ބަންޑާރަނައިބު ފޮނުއްވާފައިވާ ޖަވާބުގެ 31 ވަނަ ނުކުތާގައި ބަންޑާރަނައިބުގެ މަސައްކަތްތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ ފަރާތައް ސުވާލުކޮށް ޖަވާބު ހޯދިދާނެކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ދޭހަވާ މޭރުމުން އިބާރާތްކޮށްފައިވާކަމީ މުޅި މަޖިލީހަށް ކޮށްފައިވާ މަލާމާތެއްކަމުގައި ދެކެމެވެ." އިމްތިޔާޒް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް އަންނަނީ ބަންޑާރަނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ މައްސަލަ ކުރިއަށްގެންދަވާއިރު ރިއްފަތު އިންނެވީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވެ.