Last Updated: April 26, 23:00
Friday, April 26, 2024
މުނިފޫހިފިލުވުން

އިންޑިއާގެ އެވޯޑްތަކަކީ އަގެއް ހުރި އެއްޗެއް ނޫން

އިންޑިއާގެ ފިލްމީ އެވޯޑްތަކަކަކީ އެެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށާއި އެހެންވެ މިހާރު އެވޯޑް ހަފުލާތަކަށް އެއްވެސް ސަމާލުކަމެއް ވެސް ނުދޭ ކަމަށް މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހް ބުނެފި އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު އެކްޓަރު ލައްލަންޓޮޕަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމީ އެވޯޑްތައް އަގުހުރި އެއްޗަކަށް ނުވާ މައިގަނޑު ސަބަބަކީ ގިނަ އެވޯޑްތަކަކީ އިންސާފުވެރިކަމާ އެކީ ޖަޖްކުރާ އެވޯޑްތަކަކަށް ނުވާތީ ކަމަށެވެ. އަދި އިންޑިއާގައި ދެވޭ މަޝްހޫރު ފިލްމީ އެވޯޑްތަކަކީ ލޮބީކޮށްގެން ހޯދޭ އެއްޗެއް ކަމަށާއި އަދި އެއީ "ގަނެވޭ" އެއްޗެއް ކަމަށް ވެސް މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ 72 އަހަރުގެ އެކްޓަރު ބުންޏެވެ.

އެވޯޑްތަކެއް އަގެއް ނެތްކަން ހާމަކޮށް ދިނުމުގެ ގޮތުން ނަސީރުއްދީން ބުނީ އޭނަގެ ފާމްހައުސްގެ އެކި ތަންތަނުގެ ދޮރުތަކުގެ އަތްގަނޑަކަށް ބޭނުންކޮށްފައި ހުންނަނީ ލިބުނު ފިލްމީ އެވޯޑް ޓްރޮފީތައް ކަމަށެވެ.

"އަހަރެންގެ ފާމްހައުސްގެ ފާހާނާތަކުގެ ދޮރުތަކަށް އަތްގަނށަކަށް ވެސް އިންނާނީ ފިލްމުފެއާ އެވޯޑް ޓްރޮފީތައް،" އޭނަ ބުންޏެވެ. "އޭގެ މާނަ އަކީ އެތަނަށް ވަންނަ ކޮންމެ މީހަކަށް ލީބޭނޭ ދެ އެވޯޑް."

ނަސީރުއްދީން ބުނި ގޮތުގައި އޭނަ އަށް މިހާތަނަށް ލިބުނު ގިނަ އެވޯޑްތަކަކީ ވެސް ލޮބިކޮށްގެން ލިބުނު އެއްޗެހި ކަމަށް ގަބޫލިކުރާ ކަމަށެވެ. އެހެންވެ މި ފަހުން އެއްވެސް އެވޯޑް ހަފުލާއަކަށް ނުދާނެ ކަމަށާއި ލިބުނު އެވޯޑްތަކާ ހަވާލު ވެސް ވެފައި ނުވާ ކަމަށް ބުންޏެވެ.

"އަހަރެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން އެވޯޑްތައް ދެވެނީ އިންސާފުން ކަމަކަށް،" އޭނަ ބުންޏެވެ. "ކުރިން ވަރަށް އުފާވޭ އެވޯޑތައް ލިބުނީމަ. އެކަމަމު މީގެ ހަގީގަށް ވިސްނާލީމަ އެނގެނީ އެވޯޑްތަކުގެ އަސްލު އަގެއް ނެތްކަން."

ނަސީރުއްދީން ބުނި ގޮތުގައި އާންމުކޮށް އެވޯޑްތައް ލިބެނީ އެވޯޑް ހަފުލާތައް ޖަޖްކުރާ މީހުން ފޭވަކުރާ ބަޔަކަށެވެ އެހެންވެ ގިނަ ފަހަރަށް ހުނަރަށް ވުރެ ބޮޑަށް އެވޯޑް ދިނުމުގައި ބުރަވެވެނީ އެ ބަޔަކަށް ކަމުދާ ބަޔަކަށް އެވޯޑް ދިނުން ކަމަށް ބުންޏެވެ.