Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

'ނިޒާމީ ނުކުތާ'ގައި ޖެހި މަޖިލިސް މެދުކަނޑާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިގެ ބަހުސް ފެށުމާއެކު މެންބަރުންގެ 'ނިޒާމީ ނުކުތާ'ގައި ޖެހި މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްގެންދިއުމުގެ ކުރިން ވަނީ އޭޖީ ރިއްފަތު މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތްފައިވާ ކަމަށް ބުނެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ ބަހުސް ކުރުމަށް ބަލައިނުގަތްނަމަވެސް ސީދާ ކޮމިޓީއަށް ހުށަހަޅާފައިވާތީ އެ މައްސަލަ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ފެށުމާއެކު އިދިކޮޅު މެންބަރުން ވަނީ ނިޒާމީ ނުކުތާނަގާ، އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅައިފިނަމަ އިސްކަންދޭންޖެހޭނީ އެ މައްސަލައަށްކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ވާހަކަ ފާހަގަކޮށްފައެވެ. އަދި އިމްތިޔާޒްގެ މައްސަލަ ނުބަލާ މަޖިލީހުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.

އިދިކޮޅު މެންބަރުން ނިޒާމީ ނުކުތާނެގުމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ނިޒާމީ ނުކުތާ ނަންގަވާ ވަނީ ދެކުނުގެ ކަނޑުގެ އިއީޒެޑްގެ މައްސަލައާ ގުޅޭ ލިޔެކިޔުން މަޖިލީހަށް އޭޖީ ހުށަހެޅުމުން އެ ލިޔެކިޔުން 241 ކޮމިޓީއަށް އަދި މަޖިލީހަށް ނާންނަކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި މިކަން ސިއްރުން ކުރެވޭނެ ނިޒާމެއް އޮންނަކަމަށްވެސް ވިދާޅުވިއެވެ.

އެނިޒާމީ ނުކުތާއާ ގުޅިގެން ރައިސް ނަޝީދު ވިދާޅުވީ މަޖިލީހަށް ލިބުނު ލިޔެކިޔުންތައް ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވި ކަމަށާއި އެ ލިޔެކިޔުން އެ ކޮމިޓީގައި ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެންބަރުން އެ ލިޔެކިޔުން ބަލަން ބޭނުންވާކަން މިހާރު ސާފުވެފައިވާ ކަމަށާއި އަދި އިމްތިޔާޒުގެ މައްސަލައެއްވެސް ފެނިފައިވާ ކަމަށެވެ. އެހެންކަމުން މަޖިލިސް މެދުކަނޑާލާކަމަށް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި އިއްޔެ ކުރިއަށްގެންދިޔަ ޖަލްސާގައިވެސް މެންބަރުން ވަނީ ފުލުފުލުގައި ނިޒާމީ ނުކުތާނަގާފައެވެ. އަދި މަޖިލިސް ރަނގަޅަށް ކުރިއަށް ނުގެންދެވި ދޭތެރެ ދޭތެރެއިން މެދުކަނޑާލާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް އަންނަނީ ބަންޑާރަނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަމުންނެވެ. މައްސަލަ ކުރިއަށްގެންދަވާއިރު ރިއްފަތު އިންނެވީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.