Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދަން ނިންމައިފި

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދިއުމަށް ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްދަނިކޮށް ނިޒާމީ ނުކުތާނަގަން ފެށުމުން މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން ޖަލްސާ ފަށާ ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ.

އެހެންނަމަވެސް އިދިކޮޅު މެންބަރުން ވަނީ އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅައިފިނަމަ އިސްކަންދޭންޖެހޭނީ އެ މައްސަލައަށްކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އެގޮތަށް ނިޒާމީ ނުކުތާ ތަކުރާރުވާން ފެށުމުން ރައީސް ނަޝީދު ވިދާޅުވި އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދަން ނިންމަވާ ކަމަށެވެ.

"އަޅުގަނޑު ގަސްދުކުރަނީ ބަނޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ނުހިންގަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދަން ނިންމުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ރައީސް ނަޝީދާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކޮށްފައެވެ.

އިއްޔެގެ ޖަލްސާގައިވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ނިންމާލާފައިވަނީ މަޖިލީހުގެ ނިޒާމު ނެތްކަމަށް ބުނެއެވެ. އަދި ރައީސް ނަޝީދު އިއްޔެ އަމަލު ކުރެއްވި ގޮތާމެދު އެމްޑީޕީގެ ޕީޖީއިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.