ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރި މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީ އުފެއްދުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނަ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
ހަސަންގެ މައްސަލައިގައި ވިދާޅުވީ މި މަހުގެ 1 ގައި އިލެކްޝަންސް ކޮމިޝަނަ (އީސީ) އަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ. އެހެންވެ އެކަން އީސީގެ ސަމާލު ކަމަށް ގެނައުމުން ކޮމިޝަމުން ވެސް އަންނަނީ ޑިމޮރެކްޓްސް އަށް ސޮއިކުރި މީހުންގެ މައުލޫމާތު ލީކްވީ ކިހިނެއްތޯ ބަލަމުންނެވެ.
"ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުންނެވެ." ހަސަން ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
ޑިމޮކްރެޓްސް އަކީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއެކެކެވެ. އެކަމަކު ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައެއްނުގަންނަވަ އެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އީސީ އަށް ހުށަހެޅީ 3،560 ފޯމާ އެކީގަ އެވެ.
އެ ޕާޓީ އުފައްދުމުގެ ގޮތުން ނަޝީދަށް ތާއީދުކުރައްވޡާ މަޖިލީހުގެ 12 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންފައިވެ އެވެ. އެއާ އެކީ މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އެ ޕާޓީ އަށް ވަނީ ގެއްލިފަ އެވެ.