Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަނީ

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދިއުމަށް ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނުރުހުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތްކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައެވެ.

ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަނިކޮށް އިދިކޮޅު މެންބަރުން ވަނީ އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅައިފިނަމަ އިސްކަންދޭންޖެހޭނީ އެ މައްސަލައަށްކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އެގޮތަށް ނިޒާމީ ނުކުތާ ގިނަވާން ފެށުމުން ރައީސް ނަޝީދު ވިދާޅުވީ ބަނޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ނުހިންގަން ގަސްދުކުރާ ކަމަށެވެ. އަދި އެގޮތަށް ވިދާޅުވެ އެ މައްސަލަ ކުރިއަށް ނުގެންގޮސް އެޖެންޑާގެ ދެން އޮތް މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވިއެވެ.

ރައީސް ނަޝީދު މިގޮތަށް ކަންތައް ކުރެއްވުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ރިޔާސަތުގެ މޭޒުދޮށަށް އެއްވެ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.

ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ މެޖޯރިޓީ މަޖިލީހުގައި އޮންނައިރު ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ ކަންކުރައްވާ ގޮތުގެ ކަންބޮޑުވުން އެ ބޭފުޅުން އަބަދުވެސް ފާހަގަކުރެއެވެ. އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ އެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމަށް ވަގުތު އަދި ނުޖެހޭ ކަމަށާއި އެމަނިކުފާނަކީ ޕާޓީގެ ރައީސްއަށް ވުމުން މަޝްވަރާ ކޮށްގެން ހައްލު ކުރެވޭތޯ މަސައްކަތް ކުރާކަމަށް އެމްޑީޕީ ޕީޖީން ބުނެފައިވެއެވެ.