Last Updated: March 29, 10:58
Friday, March 29, 2024
ޚަބަރު

މިހާރު ރާއްޖޭގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާ

ބަތަލާ ރަކުލް ޕްރީތު ޕަޓީނާ މޯލްޑިވްސް ފަރި އައިލޭންޑްގައި ނަފާފައިވާ ފޮޓޯއެއް.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފެށުނީއްސުރެ އަހަރުގެ ފުރަތަމަ ފަސް މަހާ ހަމައަށް ރަޝިއާ އިން ދަމަހައްޓަމުން އައި މަގާމުން އެ ގައުމު ވައްޓާލައި އިންޑިއާ އެއް ވަނަ އެރި އިރު، އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ 95،800 އަށް އަރައިފަ އެވެ.

އިންޑިއާ އަކީ ކޮވިޑްގެ ކުރިން ވެސް ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ގައުމުގެ ފިލްމީ ތަރިންގެ މެދުގައި ވެސް ރާއްޖެ މިހާރު ވަރަށް މަގުބޫލުކަމެވެ. އެގޮތުން ވަރަށް ގިނަ ފިލްމީ ތަރިންގެ މިހާރު އެންމެ އާންމު އެއް ޗުއްޓީ މަންޒިލަކީ ރާއްޖެ އެވެ. މީގެ ތެރޭގައި ރިޕީޓްކޮށް އަންނަ ތަރިން ވެސް ވަރަށް ގިނަ އެވެ.

ރަޝިއާއި މިހާރު ދެވަނައިގައި އޮތް އިރު، އެ ގައުމުން މިހާތަނަށް 95،700 ޓޫރިސްޓުން އައިސްފައޮވެ އެވެ. ތިން ވަނައިގައި އިނގިރޭސިވިލާތް އޮތީ 73،900 ޓޫރިސްޓުންނާ އެކީގަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 820،000 އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 15 ޕަސެންޓްގެ އިތުރުވުމެކެވެ.

ރާއްޖޭގެ މިހާރު ޓޮޕް 10 މާކެޓަށް ބަލާ އިރު ލިސްޓްގައި ދެން ހިމެނޭ ގައުމުތަކަކީ އިޓަލީ، ޖަރުމަން، ފްރާންސް، އެމެރިކާ، ޗ އާއި ސްވިޓްޒަލެންޑް އަދި ދެކުނު ކޮރެއާ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 1.9 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.