Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މެންބަރުން އަޑުގަދަކުރާތީ ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިނަމަވެސް އިދކޮޅު މެންބަރުން އިމްތިޔާޒާ ގުޅޭ މައްސަލައެއް ހުށަހެޅުއްވުމުން އަދި އެކަމުގައި ނިޒާމީ ނުކުތާ ތަކުރާރުކޮށް ނަންގަވަން ފެށުމުން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ނިންމެވީ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދިއުމަށެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ޖަލްސާ ހޫނުވެ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ރިޔާސަތު މޭޒު ކައިރިއަށް އެއްވެ އަޑުގަދަ ކޮށްފައެވެ.

މަޖިލީހުގެ ހުސްވަގުތުކޮޅަށްފަހު ޖަލްސާ ފެށުނުއިރުވެސް މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. އެގޮތަށް އަޑުގަދަ ކުރުމުން އެވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ މަޖިލީހުގައި އަޑުގަދަ ކުރާނަމަ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.

އިއްޔެގެ ޖަލްސާވެސް ރިޔާސަތުން ނިންމާލީ މެންބަރުން އަޑުގަދަކޮށް ނިޒާމީ ނުކުތާ ނަގަން ފެށުމުން މަޖިލީހުގެ ނިޒާމު ނެތްކަމަށް ބުނެއެވެ.