Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދެ މެމްބަރަކު ނަޝީދަށް ހަމަލާދޭން އުޅުނުކަމަށް ބުނާ ވީޑިއޯއެއް

އިއްޔެ ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހުސްވަގުތުކޮޅުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން އުޅުނުކަމަށް ބުނާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމު ވެއްޖެއެވެ.

ވީޑިއޯއިން ފެންނަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އަރިހަށް ވަޑައިގަތުމުން މެންބަރު މުގުނީ އަދި މެންބަރު ޔޫނުސް ރައީސް ނަޝީދާ ހުތުރު ބަހުން މުޚާތަބުކޮށް ރައީސް ނަޝީދަށް އިންޒާރުދެއްވަމުން ގެންދެވި މަންޒަރެވެ. އަދި އެ ދެ މެންބަރުން ރުޅިވެރިކަމާއެކު ރައީސް ނަޝީދުގެ އަރިހަށް ދިއުމަށް މަސައްކަތް ކުރިއިރު މެންބަރު އަސްލަމް އެ މެންބަރުން ހިފެހެއްޓެވުމަށް މަސައްކަތް ކުރެއްވިތަންވެސް ފެނެއެވެ.

މެންބަރު އަސްލަމް މެންބަރު މުގުނީ ހިފެހެއްޓެވުމަށް މަސައްކަތް ކުރައްވަނީ-

މި ވީޑިއޯ އާންމުވެފައިވާއިރު މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރާ ގިނަބައެއްގެ ފާޑުކިޔުން ވަނީ މެންބަރު މުގުނީ އަދި މެންބަރު ޔޫނުސަށް އަމާޒުވެފައެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ މަޖިލީހުގައި ކުރިއަށް ގެންދިޔައިރު ރައިސް ނަޝިދު އަމަލުކުރެއްވި ގޮތުންކަމަށް ބުނެ އެމަނިކުފާނަށް އެމްޑީޕީގެ މެންބަރުން ފާޑުވިދާޅުވެފައިވެއެވެ. މިއަދުގެ ޖަލްސާގައިވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ރިޔާސަތު މޭޒުކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.