Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ޓެޑްރީގެ "ދެރިޔާ" ގެ ހަނދާން އާކޮށްލުމެއް

ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެރިޔާ" ގެ ހަނދާނެއް އެ ފިލްމުގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އާކޮށްފި އެވެ.

މީގެ 12 އަހަރު ކުރިން އޭނަ ފޭސްބުކްގައި އާންމުކުރި ފިލްމުގެ ފޯސްޓަރެއް މިއަދު އަލުން ހިއްސާކޮށް ޓެޑްރީ ބުނީ ފިލްމަށް ވަރަށް އަވަހަށް 30 އަހަރު ވާނެ ކަމަށެވެ. "ދެރިޔާ" އަކީ ނޮވެމްބަރު 4، 1994 ގައި ރިލީޒްކުރި ފިލްމެކެވެ.

މި ފިލްމަކީ އަބްދުލް މުހައިމިން ޕްރޮޑިއުސްކޮށް، ޓެޑްރީ ލިޔެ، ޑައިރެކްޓްކުރި އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ބޭވަފާތެރި ފިރިއެއްގެ ސަބަބުން އަންހެނެއްގެ ހަޔާތަށް ކުރިމަތިވާ ހާދިސާތަކެއް ދައްކުވައިދިން "ދެރިޔާ" ގެ ލީޑް ރޯލު ކުޅުނީ އައްޑު އަށް ނިސްބަތްވާ ކުރީގެ ދެމަފިރިން ކަމަށްވާ އަލީ ހާލިދާއި ހައްވާ ޒާހިރާ އެވެ.

މި ފިލްމުގެ ކާސްޓްގައި ހައްވާ ރިޔާޒާ، ކޮއްޔަ ހަސަން މަނިކު، މަރިޔަމް ވަހީދާ، އާރިފާ އިބްރާހީމް، އިބްރާހީމް ރަޝީދު، ރީކޯ މޫސާ މަނިކު އަދި ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ހިމެނެ އެވެ. "ދެރިޔާ" ގެ ބައެއް ތަރިން މިހާރު ދުނިޔަކު ނެތެވެ.

މި ފިލްމަކީ ބަތަލާ ހައްވަ ކުޅުނު ހަމައެނި ފިލްމެވެ. އަދި "ދެރިޔާ" އަށް ފަހު، ޓެޑްރީ ޕްރޮޑިއުސްކުރި 1997 "އަމާނާތް" ގެ ބަތަލުގެ ރޯލު އަލީ ހާލިދު ކުޅުނެވެ.

މި ފިލްމަކީ 1995 ގައި ބޭއްވި ފުރަތަމަ ގައުމީ ފިލްމު އެވޯޑްސްގައި 10 ކެޓަގަރީއަކުން ނޮމިނޭޓްވެ ހަތް އެވޯޑް ގެންދިޔަ ފިލްމެކެވެ. އޭގެ ތެރޭގައި މޮޅު ފިލްމު، މޮޅު ޑައިރެކްޓަރު، މޮޅު އެކްޓަރު، މޮޅު ބަތަލާ، މޮޅު ސިނަމަޓޯގްރަފީ، މޮޅު އެޑިޓިން، މޮޅު ބެކްގްރައުންޑް ސްކޯ ހިމެނެ އެވެ.

"ދެރިޔާ" ގެ ކާމީޔާބީ އަށް ފަހު މުހައިމިން "ރަންމުތް" ގެ ނަމުގައި ވެސް ފިލްމެއް ޕްރޮޑިއުސްކުރި އެވެ. އެކަމަކު އެއީ މާ ކާމިޔާބު ފިލްމެއް ނޫނެވެ.

"ދެރިޔާ" ގެ ފަހުން ޓެޑްރީގެ އެއްވެސް ފީޗާ ފިލްމެއް ބެލުންތެރިންނާ ހަމައަކަށް ނާދެ އެވެ. އެކަމަކު އޭނަ މިދިޔަ އަހަރުން ފެށިގެން އަންނަނީ "ލަސްވިޔަސް" ގެ ނަމުގައި ފިލްމެއް ޑައިރެކްޓްކުރަމުންނެވެ. ނަމަވެސް 2017 ގައި އިއުލާންކުރި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދިވެސް ނުނިންމަ އެވެ.

"ދެރިޔާ" ބަލާލަން ބޭނުން ނަމަ ބައިސްކޯފު އެޕާއި ޔޫޓިއުބުން ވެސް ފިލްމު ބަލާލެވޭނެ އެވެ.