މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުންނަށް އިންޒާރުދީ ބިރުދައްކާކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރައްވައިފިއެވެ.
ރޮޒައިނާ މިފަދައިން ޓްވީޓްކުރައްވާފައިވަނީ މަޖިލީހުގެ ބޭރު ކުޑަދަށުގައި ތިއްބެވި ބައެއް މެންބަރުންގެ ގާތަށް ރައީސް ނަޝިދު ގޮސް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވައެވެ.
އެގޮތުން އެ ޓްވީޓްގައި ރޮޒައިނާ ވިދާޅުވީ މަޖިލިސް ތެރޭ މަޖިލިސް ރައީސް މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
މެންބަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހޭ ފަރާތުން މިއަދު އެތައް މެންބަރުންނަކަށް ބިރުދައްކާ، މަޖިލިސް ނައިބުރައީސްގެ މައްސަލަ އަނބުރާ ގެންދަން އަންގާ އިންޒާރުދީފައިވާ ކަމަށް ރޮޒައިނާ ތުހުމަތު ކުރެއްވިއެވެ.
މަޖިލިސް ތެރޭ މަޖިލިސް ރައިސް މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް.
މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭންޖެހޭ ފަރާތުން މިއަދުއެތައްމެންބަރުންނަކަށް ބިރުދައްކާ، މަޖިލިސް ނައިބުރައިސްގެ މައްސަލަ އަނބުރާގެންދަންއަންގާއިންޒާރުދީފި! pic.twitter.com/Dln6rHOT8K— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 6, 2023
މި ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވާ އެއްޗެއް އެއްކޮށް ސާފުނުވިނަމަވެސް ބެލެވޭގޮތުގައި ނަޝީދު ފާހަގަކުރެއްވީ އިއްޔެގެ ޖަލްސާގެ ހުސްވަގުތުކޮޅުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އެމަނިކުފާނަށް އިންޒާރުކުރައްވާ އަމަލުކުރެއްވި ގޮތުގެ ވާހަކައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ އެމްޑީޕީގެ މެންބަރުން ތަޅުމުގައި އަޑުގަދަ ކުރެއްވުމުންނެވެ. އެގޮތުން މެދުވެރިވީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ނުގެންދިއުމަށް ރައީސް ނަޝީދު ނިންމެވި ހިސާބުންނެވެ.