އިތުބާރު ނެތްކަމުގެ ސަބަބަކީ ބަންޑާރަނައިބު ހިތްހަމަޖެހޭ ސަބަބަކަށް ވާން ނުޖެހޭ ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތަށް ރައްދު ދެއްވައިފިއެވެ.
ޑރ. ޑީޑީ މިފަދައިން ޓްވީޓް ކުރައްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިއްޔެ މަޖިލީހުގައި ޖަވާބު ދެއްވަމުން ބަންޑާރަނައިބު ރިއްފަތު ދެއްވި ޖަވާބަކާ ގުޅިގެންނެވެ. އެގޮތުން ރިއްފަތު ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ވަކާލާތުކުރި ގޮތާމެދު މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ޤާނޫނުއަސާސީގައި ބުނާ ސަބަބު ނޫން ކަމަށެވެ.
މިކަމާ ގުޅިގެން ކުރީގެ އުއްތަމަަފަނޑިޔާރު ޑރ. ޑީޑީ ވިދާޅުވީ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ބަޔާންކުރާ ސަބަބަކީ ބަންޑާރަނައިބު ހިތްހަމަޖެހޭ ސަބަބަކަށް ވާން ނުޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒަރުގައި އެސަބަބަކީ އިތުބާރު ގެއްލޭ ފަދަ ސަބަބަކަށް ވާނަމަ، ދުސްތޫރީ ގޮތުން ކުރެވޭނެ ޗެލެންޖެއް ނޯންނާނެ!" ޑރ. ޑީޑީ ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ބަޔާންކުރާ ސަބަބަކީ ބަންޑާރަ ނައިބު ހިތްހަމަޖެހޭ ސަބަބަކަށް ވާކަށް ނުޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒަރުގައި އެސަބަބަކީ އިތުބާރު ގެއްލޭ ފަދަ ސަބަބަކަށް ވާނަމަ، ދުސްތޫރީ ގޮތުން ކުރެވޭނެ ޗެލެންޖެއް ނޯންނާނެ! https://t.co/adzMnzRqUN
— Dr. Ahmed Abdulla Didi (@AABDULLADIDI) June 5, 2023
މަޖިލީހުގައި ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ ޤާނޫނު ލިޔުމުން އޮތުމުގެ ބޭނުމަކީ ޤާނޫނުގެ ރައްކާތެރިކަން އެންމެހާ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން ކަމަށާއި ހިތުހުރިގޮތަކަށް ކޮންމެ މީހަކަށް ޤާނޫނު މާނަކުރުމެއްނޯންނަ ކަމަށެވެ. ޤާނޫނު މާނަކުރުމުގެ މައްސޫލިޔަތު ޤާނޫނުއަސާސީން މަތިކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކަށް ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ ސަބަބު ބަޔާންކުރުމަށްފަހު ކަމަށް ޤާނޫނުއަސާސީގައި ބުނާކަން ރިއްފަތު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރައީސްއާ، މަޖިލީހުގެ 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ޤާނޫނުއަސާސީގައި ބުނާ ސަބަބު ނޫން ކަމަށެވެ.
ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.