Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރައީސް ސޯލިހް ފޮނުވި ސިޓީ ހޯދަން އެދޭނަން

މެންބަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހޯދުމަށް އެދޭނެކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މޮޖޯރިޓީ ލީޑަރު އަސްލަމް ވިދާޅުވީ މަޖިލީހުގައި ޕާޓީތަކަށް މެންބަރުން ނިސްބަތްވާ އަދަދަށް ބަދަލު އައުމުން އަދިވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ނުލެވިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތްތައް މަޑުޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް މަޑުޖެހިފައިވާކަން ފާހަގަ އަސްލަމް ވިދާޅުވީ އޭނާ ޗެއާކުރައްވާ މަޖިލީހުގެ 241 ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާ ގުޅޭގޮތުން ގޮތެއް ނުނިންމިފައި އޮތީ ކޮމިޓީ ނުބޭއްވިގެންކަމަށެވެ.

އަސްލަމް ވިދާޅުވީ އެކޮމިޓީގެ މުގައްރިރުގެ މަގާމުގައި އޭނާ އިންނަވާނަމަ އެކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު ރައިސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވަން ގަސްދުކޮށްގެން ހުންނެވިކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ގެއްލުމުގައި ރައިސް ސޯލިހް ފޮނުއްވި ސިޓީ ބޮޑު ދައުރެއް އަދާކުރެއެވެ. އެހެންނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އެ މައްސަލަ ނިންމުމުގައި ރައީސް ފޮނުވި ސިޓީ އެއްވެސް ދައުރެއް އަދާނުކުރާ ކަމަށެވެ.