Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

ނަޝީދަށް ކުރި އިހުތިރާމު ގެއްލިއްޖެ: އަސްލަމް

އަސްލަމް ރައީސް ނަޝީދާއެކު: ފޮޓޯ - ވަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވި އިހުތިރާމު ގެއްލިއްޖެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ކުރެއްވި އިސްލާހީ މަސައްކަތަށާއި ޑިމޮކްރަސީ ކުރިއެރުވުމަށް ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް އިޙުތިރާމު ކުރައްވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މިއަދު އެމަންޒަރެއް ނުފެންނަ ކަމަށާއި ފެންނަމުންދަނީ ޑިމޮކްރަސީއާ ދުރު، އަމިއްލަ މަންފާއަށް ގާނޫނުތަކާއި ޤަވާއިދުތައް މުގުރާލާ މަންޒަރު ކަމަށެވެ.

ބަަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެމްބަރުން މަޖިލީހަށް ވައްދާފައިވާއިރު އިއްޔެ ބަންޑާރަ ނައިބު ވަނީ މަޖިލީހަށް ހާޒިރުވެ ދިފާއުވުމުގެ ފުރުސަތު ދެއްވާފައެވެ. ނަމަވެސް އެމަނިކުފާނު ވާހަކަ ދައްކަވަން ފައްޓަވާ ކޮންމެ އިރަކު މަޖިލިސް މެމްބަރަކު ނިޒާމީ ނުކުތާ ނަންގަވައިގެން ގިނަ އިރުތަކެއް ވަންދެން ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ގަސްދުގައި ޖަލްސާ ކުރިއަށް ގެންދަވަން ދަތިކުރި ކަމަށާއި ވަޒީރަށް ވާހަކަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅި ކަމަށް ތުހުމަތު ކޮށްފައެވެ. ރިޔާސަތުން ވަނީ މެމްބަރުންގެ އެވާހަކަތަކަށް ރައްދުދީ، ރިޔާސަތުން މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ރިޔާސަތު ކައިރިއަށް އެއްވެ ރައީސް ނަޝީދަށް "މުގާބޭ" ގެ ލަގަބުން މުޚާތަބުކޮށް އަޑުގަދަކޮށްފައެވެ. އަދި ދެ މެމްބަރަކު ރައީސް ނަޝީދަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރުކުރުމަށް ނިންމައި ފާސްކޮށްފައެވެ. މަޖިލިސް ރައީސް އަދި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓު ލިބިގެންނެވެ. މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރަކު ތިއްބަވާއިރު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ދުރުކުރަން ބޭނުންވާ ވޯޓު މިހާރު ހަމަވެފައިވާ ކަމަށެވެ.

ސަރުކާރުގެ މަސައްކަތްތަކަށް ރިޔާސަތުން ހުރަސް އަޅާ ކަމަށް ބުނެ މީގެ ކުރިންވެސް އެމްޑީޕީ މެމްބަރުން ވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައި ނަޝީދު ބޭރުކުރައްވަން ހުށައަޅާފައެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ މެމްބަރުންގެ ހުށައެޅުން ބަލައިނުގަނެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނެންގެވުމަށް މެމްބަރުންނަށް ލަފާ އަރުއްވާފައެވެ.