Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މަޖިލީހުގެ ރައީސްކަމަށް އަސްލަމް ހުންނެވީ ތައްޔާރަށް

މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހަވާލު ކުރުމަށް ނިންމައިފިނަމަ އެކަން ހިތުގެ އަޑިން ގަބޫލުކުރައްވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މަޖިލިހުގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ އެކަމާ ގުޅޭގޮތުން އޭނާ ވަކިގޮތެއް ނުނިންމާކަމަށެވެ.

އެކަމަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމާނޭ ކަމެއްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ޕާލިމަންޓަރީ ގުރޫޕުން އެފަދަ ނިންމުމެއް ނިންމަވައި އޭނާއާ ހަވާލު ކުރުމަށް ނިންމަވައިފިިނަމަ އެކަން ހިތުގެ އަޑިން ގަބޫލުކުރާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައެވެ. އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ މިއަދުގެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވިއިރު އެގޮތަށް ފާސްކޮށްފައިވަނީ 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ.