Last Updated: April 19, 21:43
Friday, April 19, 2024
މުނިފޫހިފިލުވުން

ކާޖޮލް "ލަސްޓް ސްޓޯރީސް 2" ގައި

ނެޓްފްލިކްސް އިން ދެހާސް އަށާރައިގައި ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް" ގެ ދެވަނަ ބައިގެ ޓީޒާ ޓްރެއިލާއެއް މިއަދު އާންމުކޮށްފި އެވެ.

މި މަހުގެ 29 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ ސެގްމަންޓުން ކާޖޮލް ވެސް ފެންނާނެ އެވެ. "ލަސްޓް ސްޓޯރީސް 2" އަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އެންތޮލޮޖީއަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ސަލާމް ވެންކީ" އިންނެވެ.

މަޝްހޫރު އެކްޓަރު އަޖޭ ދަވްގަންގެ އަންހެނުން މިހާރު އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ސުޕަން ވަރުމާ ޑައިރެކްޓްކުރާ "ދަ ގުޑް ވައިފް" އެވެ.

"ލަސްޓް ސްޓޯރީސް 2" ގެ ކާސްޓްގައި ތަމަންނާ ބާޓިއާ، ވިޖޭ ވަރުމާ، ނީނާ ގުޕްތާ، މުރްނާލް ތާކޫރް އަދި އަންގަދު ބޭދީ ފަދަ ތަރިން ހިމެނެ އެވެ. މީގެ ސެގްމަންޓްތައް ޑައިރެކްޓްކުރީ މިދިޔަ އަހަރު "ޗުޕް" ގެނެސްދިން އާރް ބަލްކީ އާއި "ބަދާއީ ހޯ" ގެ ޑައިރެކްޓަރު އަމިތު ޝަރުމާ އާއި ބަތަލާ ކޮންކޮނާ ސެން ޝަރުމާގެ އިތުރުން "ކަހާނީ" ގެ ޑައިރެކްޓަރު ސުޖޯއި ގޯޝް އެވެ.

ދެހާސް އަށާރައިގެ "ލަސްޓް ސްޓޯރީ" ގެ ސެގްމަންޓްތައް ޑައިރެކްޓްކުރީ ކަރަން ޖޯހަރާއި ޒޯހާ އަހްތަރާއި އަނޫރާގް ކޭޝަޕްގެ އިތުރުން ދިބާކަރް ބެނަޖީ އެވެ.