Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

"މާސޫމް" ގެ ސީކްއެލްއެއް ހަދަނީ

ޑައިރެކްޓަރު ޝޭކަރް ކަޕޫރް މީގެ 40 އަހަރު ކުރިން ގެނެސްދިން މަގުބޫލު ފިލްމު "މާސޫމް" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި މި ޒަމާނާ ގުޅޭ ގޮތަށް އޭގެ ދެވަނަ ބައި ގެނެސްދޭން ޝޭކަރް ސްކްރިޕްޓް ވެސް ލިޔަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ. "މާސޫމް" އަކީ ލިޔުންތެރިޔާ އެރިކް ސޭގަލްގެ ވާހަކަ "މޭން، ވުމަން އެންޑް ޗައިލްޑް" އަށް ބިނާކޮށް ހެދި ފިލްމެކެވެ.

އޮކްޓޯބަރު 21، 1983 ގައި ރިލީޒްކުރި މި ފިލްމުގެ ލީޑް ތަރިންނަކީ ނަސީރުއްދީން ޝާހާއި ޝަބާނާ އާޒްމީގެ އިތުރުން ސުޕްރިޔާ ޕަތަކެވެ. އަދި ފިލްމުގައި ތިން ކުޑަކުދިން ވެސް މުހިއްމު ރޯލުތަކެއް ކުޅުނެވެ. ވަރަށް ހިތްގައިމު ލަވަތަކެއް ވެސް ހިމެނޭ "މާސޫމް" އަކީ ދަތުރުވަރެއްގައިދާ މީހަކު ކައިވެނިން ބޭރުން ހިންގާ ގުޅުމެއްގެ ތެރެއިން ލިބޭ ކުއްޖެއްގެ ސަބަބުން އާއިލާއަކަށް އަރާ ލޮޅުންތަކެއް ދައްކުވައދޭ ފިލްމެކެވެ.

"މާސޫމް" އަށް ބިނާކޮށް ރާއްޖޭގައި "އަމާނާތް" ގެ ނަމުގައި ކާމިޔާބު ފިލްމެއް ހަދާފައިވެ އެވެ.

"މާސޫމް" ގެ ސީކްއެލްއަކަށް ތައްޔާރުވާކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، ޝޭކަރްގެ އެންމެ ފަހުގެ ފިލްމަކީ އޭޝިއާ އާއި ހޮލީވުޑްގެ މަސްހުނި ކާސްޓަކާ އެކު ފެބްރުއަރީގައި ގެނެސްދިން "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް؟" އެވެ. ޝޭކަރް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ" އާއި "ބަންޑިތު ކްއީން" އަދި "އެލިޒަބަތު" އާއި އޭގެ ސީކްއެލް ހިމެނެ އެވެ.