Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ

ސިންގަޕޫރުން އަސް ރޭސް ހުއްޓާލަނީ

އަންނަ އަހަރުން ފެށިގެން ސިންގަޕޫރްގައި އަސް ރޭސް ބޭއްވުން ހުއްޓާލަން ނިންމައިފި އެވެ.

އެ ގައުމުގައި އަސް ރޭސް މުބާރާތްތައް ބާއްވާތާ 180 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެކަން ނިމުމަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 5 ގައި ބާއްވާ "100 ވަނަ ގްރޭންޑް ސިންގަޕޯ ގޯލްޑް ކަޕް" އާ އެކީގަ އެވެ.

މިކަން އިއުލާންކޮށް ސިންގަޕޯ ޓާފް ކުލަބުން ބުނީ އަސް ރޭސް ބޭއްވުން ހުއްޓައިލުމަށް ފަހު، އެ ކުޅިވަރަށް ބޭނުން ކުރަމުން އައި 120 ހެކްޓަރު ސައިޓް ކުރިއަށް އޮތް ތަނުގައި ބޭނުން ކުރަން ނިންމާފައި ވަނީ ޕަބްލިކް/ޕްރައިވެޓް ހައުސިން މަޝްރޫތަކަށް ކަމަށެވެ.

ބިން ރަސްމީކޮށް ސަރުކާރާ ހަވާލުކުރަން ނިންމާފައި ވަނީ 2027 ގެ މާޗްގަ އެވެ.

ސިންގަޕޫރަކީ މިދިޔަ އަހަރު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ނަމުގައި ވެސް އަސް ރޭހުގެ މުބާރާތެއް ބާއްވަމުން އަންނަ ގައުމެކެވެ. އެ މުބާރާތް ރާނީ އިފުތިތާހުކޮށް ދެއްވީ އެކަމަނާ 1972 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުގަ އެވެ. އޭގެ ފަހުން 2006 ގެ މުބާރާތަށް ވެސް ރާނީ ވަޑައިގެންނެވި އެވެ.

އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރަށް އަސް ރޭހުގެ ކުޅިވަރު ތައާރަފުވީ ސްކޮޓްލޭންޑްގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިލިއަމް ހެންރީ މެކްލިއޮޑް ރީޑްގެ ފަރާތުންނެވެ. އަދި އޭނަ އާއި އެތައް ބަޔަކު ގުޅިގެން ސިންގަޕޯ ސްޕޯޓިން ކުލަބް ވުޖޫދަށް ގެނަ އެވެ.