Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ތިމާވެށީގެ ދުވަހާ ގުޅުވައި ހުޅުމާލެ ސާފުކުރަން ބޮޑު ހަރަކާތެއް

މީގެ ކުރިން ހުޅުމާޅެ ސާފު ކުރުމަށް ހިންގާފައިވާ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: އާބަންކޯ

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ހުޅުމާލެ ސާފު ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން އާބަންކޯއިން ނިންމައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އެކިއެކި ސްކޫލްތަކާއި ސަރުކާރު ކުންފުނިތަކުން އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ހުޅުމާލޭގެ 7 ސަރަހައްދެއް ސާފު ކުރުމަށް މަސައްކަތް ކުރިއަށްދާނެއެވެ. އެއީ ފޭސް 1 އަދި ފޭސް 2 ގެ ސަރަހައްދުތައް ކަމަށް އާބަންކޯއިން މައުލޫމާތު ދެއެވެ.

މި އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުންނެވެ. މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެން ކަމަށް އާބަންކޯއިން ބުނެއެވެ. 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ މޫދު ކުޅިވަރުގެ ހަރަކާތްތަކާއި އެކުގައެވެ.


ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އަރބަންކޯއިން ތައާރަފްކޮށްފައިވާ "ދުނިޔެ މަގޭ" ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފްކޮށްފައިވާ ކެމްޕޭނެއް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރޭވިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މި ކެމްޕޭންގެ ދަށުން ހުޅުމާލެ އާއި ކުންފުނީގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.