Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

22 ރަށަކަށް ކުނި މެނޭޖްކުރާ ސާމާނު ފޯރުކޮށް ދެނީ

ކުނި މެނޭޖް ކުރާ ސާމާނު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

ރާއްޖޭގެ 5 އަތޮޅެއްގެ 22 ރަށަށް ކުނި މެނޭޖް ކުރާ ސާމާނު ފޯރުކޮށްދިނުމަށް ލަންކާ ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

ލަންކާގެ ކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު މިކަމަށްޓަކައި އެންވައިރޮމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. މި ރަސްމީއްޔާތުގައި އެންވައިރޮމެންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. ލަންކާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ބަނޑުލަ ޖަޔަރަތުނައެވެ.

ޖުމްލަ 7.5 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ހިންގާ މިމަޝްރޫޢުއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވައިރޮމެންޓް ޕްރޮޖެކްޓުގެ ތެރެއިން ޙަރަދު ކުރާ މަޝްރޫޢުއެކެވެ.

މިރަށްތަކަށް ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ހަމަޖެހިފައިވާ ސާމާނުގެ ތެރޭގައި މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ.


މިވަސީލަތްތައް ފޯރުކޮށްދޭން ހަމަޖެހިފައިވާ ރަށްތަކުގައި ހިމެނެނީ މ އަތޮޅުން މުލަށް، މުލި، ކޮޅުފުށި އަދި ދިއްގަރެވެ. ފ. އަތޮޅުން މަގޫދޫ، ނިލަންދޫ އަދި ފީއަލިއަށް ސާމާނު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. ދ. އަތޮޅުން ފޮނުވާނީ ރިނބިދޫ، މާއެނބޫދޫ އަދި ކުޑަހުވަދޫއަށެވެ. ލ. އަތޮޅުން ދަނބިދޫ، ގަން، ފޮނަދޫ އަދި މާމެންދޫއަށް ފޮނުވާނެއެވެ. އެއް އަތޮޅެއްގެ އެންމެ ގިނަ ރަށަށް ފޮނުވުމަށް ހަމެޖެހިފައިވަނީ ތ. އަތޮޅަށެވެ. އެއަތޮޅުން ބުރުނި، މަޑިފުށި، ގުރައިދޫ، ވަންދޫ، ތިމަރަފުށި، ކިނބިދޫ، އޮމަދޫ އަދި ހިރިލަންދޫ އަށް ފޮނުވާނެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީވެ، ގިނަ ޢަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ލޭބަލްކޮށް، މަދުކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކުނި މެނޭޖްކުރުމަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ. އަދި މިފަހަރު ފޮނުވޭ ސާމާނުގެ ސަބަބުން މިރަށްތަކުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ބުނެއެވެ.