Last Updated: April 20, 17:12
Saturday, April 20, 2024
ކުޅިވަރު

ކަންޓޭ ވެސް ސައުދީ ލީގަށް

ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ސައުދީ އަރަބިއްޔާގެ ލީގުގެ ކްލަބަކަށް ބަދަލުވާން ނިންމައިފި އެވެ.

ކަންޓޭ ،32، ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާއިރު އާ ކޮންޓްރެކްޓާއި ގުޅޭ ވާހަކަތައް މިހާރު ވަނީ މަޑުޖެހިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަންޓޭ ބަދަލުވާން ނިންމާފައިވަނީ ސައުދީ ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި އަލް އިއްތިހާދަށެވެ. މި އެއްބަސްވުމުގެ ދަށުން ކަންޓޭ އަށް އަހަރަކު 106 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ޓްރާންސްފާގެ ކަންކަން ފުރިހަމަ ކުރުމަށް އަލް އިއްތިހާދުގެ އިސްވެރިންގެ ޓީމެއް އިއްޔެ ވަނީ ލަންޑަނަށް ގޮސްފަ އެވެ.

އިލް އިއްތިހާދުން ވަނީ ރެއާލް މެޑްރިޑް ކުޅެމުން އައި ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ވެސް އެ ކްލަބަށް ގެންގޮސްފަ އެވެ. ބެންޒެމާ އަށް އަލް އިއްތިހާދުން ދިން އެއްބަސްވުމުގެ ޖުމްލަ އަގަކީ 400 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލެސްޓަ ސިޓީއާއެކު ޕްރިމިއާ ލީގު ހޯދުމަށްފަހު ކަންޓޭ ޗެލްސީއާ ގުޅުނީ 2016 ގަ އެވެ. އެގޮތުން ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ކަންޓޭ ވަނީ އެ ކްލަބާއެކު ވެސް ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެފަހުން ކަންޓޭ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، އެފްއޭ ކަޕް، ޔޫއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕެއް ވެސް ހޯދައިފަ އެވެ.

ޗެލްސީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ކަންޓޭ އަށް ފާއިތުވި ސީޒަންތަކުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.