Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

ސައުދީ ފުޓްބޯޅަ އެހެން ލެވެލަކަށް ގެންގޮސްދޭން ބޭނުން

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ އެހެން ލެވެލަކަށް ގެންގޮސްދޭން ބޭނުންވާ ކަމަށް ސައުދީ ލީގުގެ އަލް އިއްތިހާދަށް ސޮއިކުރި ކަރީމް ބެންޒެމާ ބުނެފި އެވެ.

ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ސައުދީ ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި އަލް އިއްތިހާދަށް ބެންޒެމާ ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބެންޒެމާ އަށް އަލް އިއްތިހާދުން ދިން އެއްބަސްވުމުގެ ޖުމްލަ އަގަކީ 400 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަލް އިއްތިހާދަށް ބަދަލުވުމަށްފަަހު ބެންޒެމާ ބުނީ ޔޫރަޕްގެ ފުޓްބޯޅަައިގައި ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ނަސީބު އޭނާ އަށް ލިބުނު ކަމަށާއި މިއީ އާ ޗެލެންޖަކާއި ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން އަލް އިއްތިހާދަކީ ދިގު ތާރީހެއް އޮތް އަދި އޭޝިއާގެ ގަދަ ބާރަކަށް ވުމުގެ އަމާޒާއެކު ކުރިއަށްދާ ކްލަބެއް ކަމަށާއި އެ ކްލަބާއި އަދި ސައުދީ ފުޓްބޯޅަ އެހެން ލެވެލަކަށް ގެންގޮސްދޭން ބޭނުންވާ ކަމަށް ބެންޒެމާ ބުންޏެވެ.

ބެންޒެމާގެ އިތުރުން އަލް އިއްހާދުން އަންނަނީ ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލް އިއްހާދުން ވަނީ އަހަރަކު 106 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ކަންޓޭ އަށް ހުށަހަޅައިފަ އެވެ. މި ހުށަހެޅުން ގަބޫލުކޮށް ކަންޓޭ ސައުދީ ލީގަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ބޮޑު އަގުގައި ގެންނަން ސައުދީ ލީގުގެ ކްލަބްތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ. އޭގެތެރޭގައި ދާދިފަހުން ޕީއެސްޖީ ދޫކޮށްލި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިން ހިމެނެ އެވެ.