Last Updated: April 16, 15:11
Tuesday, April 16, 2024
މުނިފޫހިފިލުވުން

މަންމައާ ގުޅުވައި ޕްރަތީކްގެ ނަމަށް ބަދަލެއް

އިންޑިއާގެ އެކްޓަރު ޕްރަތީކް ބައްބަރްގެ ނަމަށް ބަދަލެއް ގެނެސްދިފި އެވެ.

ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ސުމީތާ ޕަޓިލް އާއި ރާޖް ބައްބަރްގެ ދަރިފުޅުގެ ރަސްމީ ނަމަކީ ޕްރަތީކް ބައްބަރު ކަމަށް ވިޔަސް، މަންމަގެ ހަނދަނާއި މަންމަގެ ފިލްމީ ލެގަސީއަށްޓަކައި ޕްރަތީކް ވަނީ ނަމުގެ މެދަށް ޕަޓިލް އިތުރުކޮށްފަ އެވެ. އެއާ އެކީ ދެން އޭނަގެ ނަން ފިލްމުތަކުގެ ކްރެޑިޓްތަކުން ވެސް ގެނެސްދޭނީ ޕްރަތީކް ޕަޓިލް ބައްބަރްގެ ގޮތުގައި ކަމަށް ބުންޏެވެ.

އިންސްޓަގްރާމްގައި ވެސް 36 އަހަރުގެ އެކްޓަރު ވަނީ އެ ނަން ހިމަނައިފަ އެވެ. ޕްރަތީކަކީ ސުމީތާ އާއި ރާޖް އަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ހިންދީ ސިނަމާގެ ވަރަށް ހުނަރު އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުމީތާ ވަނީ، ޕްރަތީކް ވިހެއުމުގެ ތެރޭގައި ދިމާވި ކޮމްޕްލިކޭޝަންތަކާ ގުޅިގެން އުމުރުން އެންމެ 31 އަހަރުގައި 1986 ގައި މަރުވެފަ އެވެ.

ޕްރަތީކް އުފަންވީ ނޮވެމްބަރު 28، 1986 ގަ އެވެ. ސުމީތާ މަރުވީ އެ އަހަރުގެ 13 ޑިސެމްބަރުގަ އެވެ.

ރާޖަކީ ސުމީތާއާ ކައިވެނިކުރުމުގެ ކުރިން ވެސް ކައިވެންޏެއްކޮށް ދެ ދަރިން ލިބިފައިވާ މީހެކެވެ. އެއީ ކުރީގެ ބަތަލާ ޖޫހީ ބައްބަރް އާއި މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ އަރިއާ ބައްބަރެވެ.

ނަމަށް ގެނައި ބަދަލާ ބެހޭ ގޮތުން ޕްރަތީކް ބުނީ މަންމައާ ނުލައި އުޅެން ޖެހުނަސް އޭނަ އަކީ އަބަދު ވެސް މަންމަ ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އެހެންވެ މަންމަގެ ހަނދާން އަބަދަށް އާކުރުމާއި އިންޑިއާގެ ސިނަމާ އަށް މަންމަ ކޮށް ދީފައިވާ ހިދުމަތަށްޓަކައި އެ ނަން ދިރުވުމުގެ ގޮތުން އަމިއްލަ ނަމުގެ ތެރެއަށް ޕަޓިލް އިތުރު ކުރުމަކީ ދަރިއެއްގެ ހައިސިއްޔަތުން ލިބޭ ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށް ޕްރަތީކް ބުންޏެވެ.

އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ޕްރަތީކް އެކްޓިން އަށް ނުކުތީ 2008 ގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" އިންނެވެ. މިހާތަނަށް 20 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އިންޑިއާ ލޮކްޑައުން" އެވެ.

މި އަހަރުގެ ކުރީކޮޅު ކައިވެނި ރޫޅައިލި ޕްރަތީކް ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވެ އެވެ. ޕްރަތީކާއި ފިލްމު ޕްރޮޑިއުސަރު ސާނިއާ ސާގަރް ކައިވެނިކުރީ 2019 ގަ އެވެ.