Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޑިމޮކްރެޓްސްއަށް ސޮއިކުރާ ފަރާތްތަކަށް ބިރުދައްކާ މައްސަލަ ބޭރުކޮށްލައިފި

މެންބަރު ހަސަން ލަތީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ސޮއިކުރި ފަރާތްތަކަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. މިމައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 16 މެންބަރުން ވޯޓު ދިންއިރު މައްސަލަ ބަލައިގަތުމާ ދެކޮޅަށް 32 މެންބަރުން ވޯޓު ދީފައިވެއެވެ.

މި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދުގެ މީހުންގެ ސޮޔާއެކު، ހަފްތާއެއްގެ ތެރޭގައި، 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ސައްހަ 3560 ފޯމް ޖޫން 1 ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދު އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ހަމަކުރި ފަހަރުކަން ފާހަގަކޮށްފައިވެއެވެ.

މައްސަލައިގައި ބުނެފައިވަނީ ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި ސޮއިކުރި މީހުންނަށް ގުޅައި ބިރުދައްކަން ފަށާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ މިނިސްޓަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ގުޅާފައިވާ ކަމަށް ބުނެފައިވެއެވެ.

"ސަރުކާރުން ހުޅުއްވާ ބޭފުޅުން ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައިވާ ބޭފުޅުންނަށް އަންގަމުންދަނީ ސަރުކާރުގައި ނުވަތަ ސައުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި އޭނާ ބަހައްޓާން ބޭނުންނަމަ 'ޑިމޮކްރެޓްސް' އަށް ކޮށްފައި އޮތް ސޮއި އަނބުރާ ނެގުމަށެވެ. އަދި ޑިމޮކްރެޓްސްއަށް ކޮށްފައި އޮތް ސޮއި އެއީ އޭނާ ކޮށްފައިވާ އޮތް ސޮއެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގައި ބުނުމަށްވެސް ދަނީ އެ ފަރާތްތަކުން އަންގަމުންނެވެ." ހަސަންގެ މައްސަލައިގައި ބުނެފައިވެއެވެ.

މި އަމަލުތަކަކީ އެމްޑީޕީ އުފެއްދި މަޤްސަދުތަކާއި އެ ޕާޓީން ވަކާލާތު ކުރަމުންދިޔަ ހަމަތަކާއި އުސޫލުތަކާ ދިމާ އިދިކޮޅު ކަމެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްޤަކީ އަސާސީ ހައްޤަކަށްވީ ހިނދު، 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ސޮއިކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެއްވެސް މިންވަރަކަށް ބިރު ނުދެއްކުމަށް ސަރުކާރަށް ގޮވާލާ ކަމަށް މިމައްސަލައިގައި ބުނެފައިވެއެވެ.