Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ގަސް އިންދައިގެން ދުނިޔޭގެ ރެކޯޑެއް

މި ވަގުތު ދުނިޔެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ މައްސަލަ އެވެ. މީގެ ތެރެއިން ދުނިޔޭގެ ބޮޑެތި ޖަންގަލިތައް ވެސް ނެތެމުން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. އެހެންވެ ކްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރާ މަސައްކަތުގައި ވީހާ ވެސް ގިނަ ގަސް އިންދުމަކީ މިހާރު ހުރިހާ ގައުމަކުން ވެސް ވަރަށް އިސްކަންދޭ ކަމެކެވެ. ހާއްސަކޮށް ގައުމީ ފެންވަރުގައި މިފަދަ ކެމްޕޭންތައް ވެސް ވަރަށް ގިނަ އެވެ.

ސުވާލަކީ ފަރުދީ ލެވެލްގައި މިކަން ކިހާ ވަރަށް ކުރެވިދާނެތޯ އެވެ؟ މި ސުވާލަށް އެންމެ ފަސޭހަ ޖަވާބެއް ލިބޭނީ ކެނެޑާގެ މި ޒުވާނާގެ ނަމޫނާ މަސައްކަތުންނެވެ. މިއީ އުމުރުން 24 އަހަރުގެ އެންޓޮއިން މޮސެސް އެވެ. ގަސް އިންދަން އޭނަ ފެށި މަސައްކަތުގެ ތެރެއިން މި ވަނީ ދުނިޔޭގެ ރެކޯޑެއް ހޯދައިފަ އެވެ.

އެއީ ކެނެޑާގެ އެކި ހިސާބުތަކުގައި 24 ގަޑިއިރު ތެރޭ ޖުމްލަ 23،060 ގަސް އިންދައިގެންނެވެ. މިކަން އެންޓޮއިންކު ރީ ޖުލައި 17، 2021 ގަ އެވެ. އެ ރެކޯޑް އޭނަ އަށް ގިނިސް ވޯލްޑް ރެކޯޑުން މިދިޔަ އަހަރު ކަށަވަރު ވެސް ކޮށް ދީފައިވާ އިރު، އެންޓޮއިން ބުނި ގޮތުގައި މިއީ ކްލައިމެޓް ޗޭންޖާ ދެކޮޅަށް އޭނަ ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ސައުވީސް ގަޑިއިރު ތެރޭގައި އެންމެ ގިނަ ގަސް އިންދައިގެން ރެކޯޑް ހެދި އިރު، އެވްރެޖްކޮށް ހަތަރު ސިކުންތުންގެ ތެރޭގައި އެންޓޮއިން ގަހެއް އިންދާފައިވެ އެވެ.

އެންޓޮއިން ބުނި ގޮތުގައި މިހާތަނަށް ކެނެޑާގެ އެކި ހިސާބުތަކުގައި އޭނަ އިންދި ގަހުގެ އަދަދު 1.3 މިލިއަނަށް ވުރެ ގިނަވާނެ އެވެ. އަދި މިހާރު އެންމެ ބޮޑު އެއް އަމާޒަކީ 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެންމެ ގިނަ ގަސް އިންދި މީހާގެ ރެކޯޑް ވެސް ހޯދުމެވެ.

"ޔަގީނުން ވެސް ގަސް އިންދުމުގެ މަސައްކަތް އަހަރެން ދުވަހަކު ވެސް ހުއްޓައެއް ނުލާނަން." އެންޓޮއިން ބުންޏެވެ.

އޭނަގެ ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ގަސް އިންދި މީހާގެ ރެކޯޑް އޮތީ ވެސް ކެނެޑާގެ މީހަކަށެވެ. އެއީ 2001 ގައި ރެކޯޑް ހެދި ކެނީ ޗެޕްލިއަން އެވެ. އޭނަ އަށް ރެކޯޑް ލިބުނީ 24 ގަޑިއިރު ތެރޭގައި 15،170 ގަސް އިންދައިގެންނެވެ.