Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ނަޝީދު ބަހުސްތަކުގައި ބައިވެރިވާން ކެތްމަދުވެފައި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިވާން ކެތްމަދުވެފައި ހުންނެވިކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރުމަށް ހުށަހަޅަން އެމްޑީޕީންގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައިވާއިރު އެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ޕާލިމެންޓަރީ ގްރޫޕުން ވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަކެތީގެ އަގުބޮޑުވުމާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގެ ތެރެއިން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ ބަހުސްގައި ބައިވެރިވުމަށް ކެތްމަދުވެފައި އިންނެވި ކަމަށެވެ.

"މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމަށް ހުށަހަޅާ މައްސަލައިގައި މިހާތަނަށް 54 މެމްބަރުން ވަނީ ސޮއިކޮށްފައެވެ.

މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެއް މަދުނޫންް އަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ. މި ޤާރާރު ފޮނުވާ ލިޔުމުގައި މަގާމުން ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.