Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ސްކޭމްތަކާ ދެކޮޅަށް ބީއެމްއެލް އިން އާ ފީޗާއެއް

ކަސްޓަމަރުން ސްކޭމް އިން ރައްކާތެރި ކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ކިލް ސްވިޗް" ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށްފި އެވެ.

ގައުމީ ބޭންކުން ބުނީ މިއީ ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އާއި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލަ އަށް ވަގުތުން މެދުކަނޑާލެވޭ ފީޗާއެއް ކަމަށެވެ. އެގޮތުން "ކިލް ސްވިޗް" ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިންގ ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެ އެވެ.

މި ފީޗާ އަކީ އިންޓަނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލަ އަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެކެވެ. އަދި ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވާނެ ފަންކްޝަނެކެވެ.

"ކިލް ސްވިޗް" ކުރުމަށް ފަހު، ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އާއި އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކަސްޓަމަރުން ކޮންޓެކްޓް ސެންޓަރަށް ގުޅައި ނުވަތަ ބްރާންޗަކަށް ހާޒިރުވެގެންނެވެ. ބޭންކުން އެކްޓިވޭޓްކޮށް ދޭނީ ހިންގޭ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގަ އެވެ.

ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ "ކިލް ސްވިޗް" އަކީ ކަސްޓަމަރުންނަށް ލިބޭ އިތުރު ރައްކާތެެި ކަމެއް ކަމަށެވެ.

"މި ފީޗާ އަކީ ސްކޭމް އާ ދެކޮޅަށް ބޭންކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ތައާރަފުކުރި ފީޗަރ އެއް،" އޭނަ ވިދާޅުވި އެވެ. "ސްކޭމެއް ހިނގައިފިކަމަށް ކަސްޓަމަރަށް ފާހަގަވުމުން، ކަސްޓަމަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކާޑުތަކާއި އިންޓަނެޓް ބޭންކިން ފްރީޒްކުރެވޭނެ."

ފަހަކަށް އައިސް ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދަން ތަފާތު ގޮތްގޮތަށް ހިންގާ ސްކޭމްތަކުގެ މައްސަލަތައް ވަރަށް ބޮޑެވެ.