Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫގައި ޓޫރިސްޓް އެނދު އަޅާތާ ކިތަންމެ ދުވަހެއް

މެންބަރު އަލީ ހުސައިން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫސިޓީގައި މިސަރުކާރުން ޓޫރިސްޓް އެނދު އަޅާތާ ކިތަންމެ ދުވަހެއް ވެފައިވާކަމަށާއި އެެހެންނަމަވެސް އެކަން ނުކުރެވޭކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ސިޔާސަތެއް އެކުލަވާލުމުގެ ވާހަކަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ދައްކާފައިވާ ކަމަށެވެ. އެގޮތުން ކުންޏަކީ ފައިސާއަށް ބަދަލުކޮށް ކުނިން ގަސްކާނާފަދަ އެއްޗެއް އުފައްދާ ކުނިން އާމްދަނީއެއް ހޯދޭނެ ވާހަކަ ދެއްކިކަން ފާހަގަކުރެއްވިއެވެ. މިސަރުކާރުގެ ވެރިކަމަށް ފަސް އަހަރުވާންދާކަން ފާހަގަކޮށް އަލީ ހުސައިން ވަނީ ކުނިން އާމްދަނީއެއް މިއަދު ހޯދެނީ ކިތަށް ރަށުގައިތޯ ސުވާލު އުފައްދަވާފައެވެ.

މިސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ނުނިމޭކަން ފާހަގަކޮށް އަލީ ހުސައިން ވަނީ އެދާއިރާގެ ރަށްރަށުގައި ނަރުދަމާގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި އެހެންނަމަވެސް އެންމެ ރަށެއްގެ މަސައްކަތްވެސް ނުނިމޭކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތްކުރުމަށް ބޮޑެތި މުސާރައިގައި މީހުންލާފައި ތިބި ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ މަޝްރޫއުތައް ހުރީ "މި ނިންމަނީ، މި ނިންމަނީ" ގައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. މިކަން މިކަން ކުރަނީ ކާކަށް ކޮންކަމަކު އޮޅުވާލަންތޯ ސުވާލު އުފެދޭކަމަށްވެސް ވިދާޅުވިއެވެ.

"އައްޑު އަތޮޅުގައި އެނދުއަޅާތާ ކިތަންމެ ދުވަހެއް. 4000 އެނދު، މިދިޔަ ފަހަރު 8000 އެނދު، މިފަހަރު އަނެއްކާ 7000 އެނދު، 1.5 މިލިއަން ފަތުރުވެރިން އަންނަވަރުގެ އެއާޕޯޓެއް. މުޅި ރާއްޖެއަށްވެސް އަންނަނީ 1.6 މިލިއަން ވަރަށް ފަތުރުވެރިން. އައްޑޫ ރައްޔިތުންގާތު މި ވިދާޅުވަނީ 1.5 މިލިއަން ފަތުރުވެރިން އަންނަވަރުގެ އެއާޕޯޓެކޭ މިއަޅަނީ." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މިކަންކަމުން އެނގެނީ ކުރަން ނުޖެހޭވަރަށް މާބޮޑުކޮށް ކަންކަން ކުރަމުންގެންދާކަން ކަމަށެވެ.

މިސަރުކާރުގައި ކަންކަން އިސްލާހު ކުރުމުގެ ވިސްނުމެއް ނެތްކަން ފާހަގަކޮށް އަލީ ހުސައިން ވިދާޅުވީ ލޯނު ނަގައިގެން ބޮޑު އަގުގައި ޕްރޮޖެކްޓް ހިންގުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައިވަރު ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށާއި އެހެންނަމަވެސް އެ ޕްރޮޖެކްޓްތައް ހިންގި ގޮތާމެދު ޝަކުވާ ހުރުމުން އޭރު އެވާހަކަ ދެއްކީ ކަމަށް ވިދާޅުވިއެވެ. އޭރުގެ ވާހަކަ ދައްކަން ލަދުގަންނަ ހިސާބަށް މިސަރުކާރުގެ ކަންކަން ގޮސްފައިވާ ކަމަށާއި މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ އަންތަރީސްވާވަރަށް ހުރިކަމަށް ވިދާޅުވިއެވެ.