އައްޑޫ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ އިމާރަތްކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓްއާއެވެ.
އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގައެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 13,947,943.70 ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މިއީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް. pic.twitter.com/U5Ssw2fRHQ— Ministry of Islamic Affairs (@MVIaffairs) June 7, 2023
ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް އިމާރާތްކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.