Last Updated: April 20, 11:45
Saturday, April 20, 2024
މުނިފޫހިފިލުވުން

އެންޓީއާރްއާ އެކީ ޕްރިޔަންކާ

މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ފިލްމު "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ އާއި ޕްރިޔަންކާ ޗޯޕްޅާ ވަރުގަދަ އެކްޝަން ފިލްމަކަށް ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި އެ ދެ ތަރިން އެކީގައި ސްކްރީނަށް ގެންނަން އަމާޒު ހިފާފައި ވަނީ މަޝްހޫރު ތެލެގޫ ފިލްމު ފްރެންޗައިޒް "ކޭޖީއެފް" ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ކަމަށެވެ. މީޑިއާތަކުން ބުނި ގޮތުގައި އެންޓީއާރް އާއި ޕްރިޔަންކާ ލީޑަށް ނަގައިގެން ހަދަން ޕްލޭންކުރާ ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާ ހަނގުރާމައެއް ދައްކުވައި ދޭނެ ވަރަށް ވަރުގަދަ އަދި ބޮޑު ބަޖެޓަކުން ހަދާނެ އެއްޗެކެވެ.

ޕްރިޔަންކާގެ ކުރިން މީގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަދްކޯން ނުވަތަަ މުރްނާލް ތާކޫރް ގެންނަން ވެސް ކުރިން ވިސްނި ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު ޕްރިޔަންކާ ހިމަނައިގެން ފިލްމު ހަދަން ރޭވީ އޭނަ އަކީ މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ތަރިއަކަށްވުމާ އެކު، އިންޓަނޭޝަނަލް މާކެޓަށް ވިސްނައިފަ އެވެ.

ޕްރިޔަންކާގެ އަތުގައި މި ވަގުތު އޮތް ހަމައެކަނި އިންޑިއާގެ ފިލްމަކީ ޑައިރެކްޓަރު ފަރުހާން އަޚްތަރު ޑައިރެކްޓްކުރަން ތައްޔާރުވާ ރޯޑް ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އެވެ. މިދިޔަ މަހު ރިލީޒްކުރި "ލަވް އެގެއިން" ގެ ބަތަލާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

ޕްރިޔަންކާ އާއި އެންޓީއާރް އެކީގައި ސްކްރީނަށް ގެންނަން ޕްރަޝާންތު މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އޭނަ މިހާތަނަށް ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ. ޕްރަޝާންތުގެ ކުރިއަށް އޮތް ފިލްމަކީ ޕްރަބާސްއާ އެކީ މި އަހަރުގެ ސެޕްޓެމްބަރުގައި ގެނެސްދޭ "ސަލާރު" އެވެ.

އެންޓީއާރް މިހާރު އަންނަނީ "ދެވާރާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނަ ވަނީ ރިތިކް ރޯޝަންގެ ފިލްމު "ވޯ 2" ސޮއިކޮށްފަ އެވެ. "އާރްއާރްއާރް" އަށް ފަހު އެންޓީއާރް ކުޅޭ "ދެވާރާ" ގެ ކާސްޓްގައި ޖާންވީ ކަޕޫރާއި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ.