Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

މެސީ އެމެރިކާ ލީގަށް ބަދަލުވަނީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެމެރިކާ ލީގުގެ ކްލަބަކަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މެސީ ،35، ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށް އެ ކްލަބް ދޫކޮށްލާފައިވާއިރު މެސީ ކުރިން ކުޅުނު ބާސެލޯނާ އާއި ސައުދީ ލީގުގެ ކްލަބަކުން އޭނާ ގެންދަން މަސައްކަތްކޮށްފައިވެ އެވެ. މެސީ ބާސާ އަށް ބަދަލުވާން ބޭނުންވި ނަމަވެސް އެ ކްލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން އޭނާ ގެންދަން ބާސާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބު ވެފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ބަދަލުވާން ނިންމާފައިވަނީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ އިންޓަ މަޔާމީ އަށެވެ. އިންޓަ މަޔާމީގެ އެއް އޯނަރަކީ އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން މެސީއާ އިންޓަ މަޔާމީއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މެސީ އެމެރިކާ ލީގަށް ގެންދިޔުމަށް މަޝްހޫރު އެޕަލް ކުންފުނި އާއި އެޑިޑާސް ކުންފުނީގެ އެހީ ވެސް އިންޓަ މަޔާމީ އަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެޕަލް އިން މިހާރު ވަނީ މެސީގެ ހާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

މިއީ މެސީގެ ކެރިއަރުގައި ޔޫރަޕުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދާފައިވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.