Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ވެން އޫޑުން އަޅާފައިވާ ބޮއިއެއް ހަލާކުވެއްޖެ، ސަމާލުވޭ!

ވެން އޫޑުގެ ބޮއިއެއް ކަނޑައިގެން ގޮސްފައި

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢޫ ކުރިއަށް ގެންދަންވެގެން ސަރަހައްދުގެ ތިމާވެށި މޮނީޓަރ ކުރުމަށް އަޅާފައިވާ ބޮއިތަކުގެ ތެރެއިން ބޮއިއަކަށް ގެއްލުން ވެފައިވާ ކަމަށް ވެން އޫޑް ކުންފުނިން ހާމަކޮށްފިއެވެ.

ވެން އޫޑް ކުންފުނިން އައްޑޫލައިވްއަށް ވިދާޅުވީ، ތިމާވެށްޓަށް އަންނަ ބަދަލުތައް މޮނީޓަރ ކުރަން އަޅާފައިވާ ބޮއިތަކުގެ ތެރެއިން 1 ބޮއި ކަނޑައިގެން ގޮސް އަދި މަސައްކަތް ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ އެ ސަރަހައްދުން ދަތުރު ކުރި އުޅަނދެއްގައި ޖެހިފައިވާ ކަމަށާއި، މި ސަރަހައްދުތަކުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މިތަކެއްޗަށް ސަމާލުކަން ދެއްވުމަށް އެކުންފުނިން ވަނީ އަނެއްކާވެސް އިލްތިމާސްކޮށްފައެވެ.


އައްޑޫގެ 3 ސަރަހައްދެއްގައި ބޮއި ވަނީ އަޅާފައެވެ. މިދިޔަ މަހު 22 އިން ފެށިގެން އަޅާފައިވާ ބޮއިތަކުގެ ތެރެއިން 2 ބޮއި އަޅާފައިވާ ހިމާޔަތް ކުރެވިފައިވާ ބްރިޓިޝް ލޯޔަލްޓީ ޑައިވް ޝިޕްވްރެކް ސަރަހައްދުގައި އަދި މާކަނޑު މަންތާ ޕޮއިންޓް ސަރަހައްދުގައެވެ. މިއީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު މި ދެ ސަރަހައްދުގެ ތިމާވެއްޓަށް އަންނަ ބަދަލު ދެނެގަތުމައް އަޅާފައިވާ ދެ ބޮއިއެވެ. މީގެ އިތުރުން އޮއިވަރަށް އަންނަ ބަދަލު ބެލުމަށް ގަން ކަނޑުއޮޅިއާއި ދިމާލުން ވޭވް ރައިޑަރ ބޮއިއެއް ވަނީ އަޅާފައެވެ.

ވެން އޫޑް ކުންފުނިން ބުނިގޮތުގައި މި ބޮއިތަކަކީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިމާވެށީގެ މޮނީޓަރިންއަށް ވަރަށް މުހިންމު ބޮއިތަކެއް ކަމަށާއި، މި ބޮއިތައް ބަހައްޓާފައިވަނީ ރޭގަނޑު އަދި ދުވާލުވެސް ދުރުން ފެންނަ ގޮތަށް ކަމަށެވެ. އަދި ބޮއި ތަކާއި ދުރުން ކަނޑު ދަތުރުކުރާ އުޅަނދުތައް ދަތުރުކުރުމަށާއި، އެއްވެސް ފަރާތަކުން ބޮއިތަކާއި އަތް ނުލުމަށް އިލްތިމާސް ކުރެއެވެ.

މިބޮއިތައް މިމަޝްރުޢޫގެ މަސައްކަތް ނިމެންދެން ބޭނުން ކުރަމުންދާނެއެވެ. އަދި މިއީ މަޝްރޫޢުގެ ސަބަބުން ތިމާވެށްޓަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާނެ މުހިންމު ވަސީލަތްތަކެކެވެ.