Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މަގުބައްތި މަރާމާތު ކުރަން އަރާނެ ގޮތެއް ނެތް!

ހިތަދޫ މަގުބައްތިތައް މަރާމާތު ނުކުރެވެނީ ހޮޅިދަނޑިތަކަށް އަރާނެ ގޮތެއް ނެތިގެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

މިއަދު ބޭއްވި ކައުންސިލް 103 ވަނަ ޖަލްސާގައި ސުވާލު ކުރުމުގެ ފުރުސަތުގައި ހިތަދޫއަށް ނިސްބަތްވާ ކައުންސިލަރ ހުސެއިން ޒަރީރު ވަނީ ހިތަދޫގެ މަގުތަކުގައި ހަރުކޮށްފައިވާ މަގުބައްތި ނުދިއްލޭ މައްސަލައިގެ ކަންބޮޑުވުން ކައުންސިލަށް ލބެމުންދާކަމަށް ވިދާޅުވެފައެވެ. އަދި މިމައްސަލަ ހައްލު ކުރުމަށް، ހިތަދޫ އަވަށު އޮފީހަށްވެސް މިވަގުތު އެކަން ކުރެވެން ނެތިގެން އުޅެނީ ކައުންސިލުގެ ސްނޯކެލް ލިފްޓް ހަލާކުވެފައި ހުރުމާއި އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައިގަ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިވަގުތުވެސް ފޭދޫއަށް ސްނޯކެލް ލިފްޓެއް ހޯދުމަށް އިއުލާން ކުރެވި އެވޯޑު ކުރެވިފައިވާ ކަމަށާއި، އެފަރާތާއި އަންގާރަ ދުވަހުވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. ނިޒާރު ވިދާޅުވި ގޮތުގައި އެ އުޅަނދު ލިބިއްޖެނަމަ ހިތަދޫގައިވެސް މައްސަލަ ހައްލު ކުރަން އުނދަގޫ ނުވާނެ ކަމަށެވެ.

" އެހެން ގޮތަކަށް ހަރުގަނޑެއް ހޯދަން ވެގެން އީއްޔެވެސް ގުޅިން. އެހެންވިޔަސް އެ ހަރު ވެސް އަދި ލިބޭގޮތް ނުވޭ. ހަރެއް ތަނަކުން ލިބެން ހުރިނަމަވެސް އެ ވެސް ލިބޭގޮތަކަށް ހޯދައިގެން ބަލަން ޖެހޭނީ. މިހާރު ނޭރިގެ މިއުޅެނީ [މަރާމާތު ކުރަން] " ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ހަލާކުވެފައިވާ ސްނޯކެލް ލިފްޓުގެ ސްޕޭއަރ ހޯދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ، އަންނަ ހަފްތާ ތެރޭ ސްޕެއަރ ލިބޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ހިތަދޫގެ ބައެއް ސަރަހައްދުގެ ތަކުގެ މަގު ބައްތި ހަލާކުވެ މަގުތައް އަނދިރި ވުމާއި ގުޅިގެން އެ ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުން ދަނީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ. މިގޮތަށް މަގު ބައްތި ހަލާކުވެ މަރާމާތު ނުކުރެވި ގިނަ ދުވަސް ވަމުންދިއުމާއި އެކު ބައެއް ފަރާތްތަކުން ވަނީ ކައުންސިލުގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައެވެ.

މިވަގުތު ކައުންސިލުގެ ސްނޯކެލް ލިފްޓް އުޅަނދު ހަލާކުވެފައި އޮތުމުން، ކުރެވެނީ ހަމައެކަނި ބިންމަތީ ހުރެގެން ކުރަން ޖެހޭ މުނިސިޕަލް މަސައްކަތްތައް ކަމަށް ކައުންސިލަރ ޒަރީރު ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.